އުރީދޫއިން ރާއްޖޭގައި ދެމުން އަންނަ އިންޓަނެޓް ހިދުމަތައް އެއްވެސް ބުރޫއެއް އަރާފައި ނުވާ ކަމަށް އެ ކުންފުނީގެ ސީއީއޯ، ހުސައިން ނިޔާޒް ވިދާޅުވެއްޖެއެވެ.

ނިޔާޒް މިފަދައިން ވިދާޅުވެފައި މި ވަނީ ރަތް ކަނޑުގައި އަޅާފައިވާ ފައިބަރު ކޭބަލަށް ގެއްލުންވުމުގެ ސަބަބުން އޭޝިއާ ސަރަހައްދުގެ އިތުރުން މެދުއިރުމައްޗާއި ޔޫރަޕްގެ ބައެއް ހިސާބުތަކަށް އިންޓަނެޓް ލިބުމުގައި ދަތިތަކެއް އުޅޭކަމަށް ހަބަރު ފަތުރަމުންދިޔުމާ ގުޅިގެންނެވެ.

އެ ކޭބަލަށް ގެއްލުންވުމުގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާން ހިމެނޭހެން އެތައް ގައުމެއްގެ އިންޓަނެޓް ކަނެކްޓިވިޓީއަށް ނޭދެވޭ އަސަރުކޮށްފައިވާއިރު ގިނަ ބަޔަކު ދަނީ އޭގެ ސަބަބުން ރާއްޖޭގެ އިންޓަނަޓެއް އެއްވެސް ބުރޫއެއް އަރާތޯ ސުވާލު އުފައްދަމުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އުރީދޫގެ ސީއީއޯ ނިޔާޒު ވިދާޅުވީ، އެ ކުންފުނިން ދެމުންގެންދާ އިންޓަނެޓްގެ ހިދުމަތަށް އެއްވެސް މައްސަލައެއް ދިމާނުވާކަމަށެވެ. އަދި އުރީދޫއިން އަޅާފައިވާ ސަބްމެރިން ކޭބަލްތައް ހުންނާނީ ސިންގަޕޫރު ފަދަ އެހެން ސަރަހައްދުތަކާ ގުޅާލެވިފައިކަމަށް ވެސް ނިޔާޒް ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ ސަބްމެރިން ކޭބަލް އަޅާފައި ހުންނާނީ އެއް ދިމާލުން މައްސަލައެއް ކުރިމަތިވި ނަމަވެސް އެހެން ސަރަހައްދުތަކުން ހައްލު ހޯދޭގޮތަށް ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ކޭބަލަށް ގެއްލުންވުމުގެ ސަބަބުން މައިކްރޮސޮފްޓުގެ އަޒޫރު ކްލައުޑް ކޮމްޕިއުޓިން ޕްލެޓްފޯމް ފަދަ ބޮޑެތި ކުންފުނިތަކުގެ ނެޓްވޯކަށް ވެސް ވަނީ އޭގެ އަސަރުކޮށްފައެވެ.