އަރިއަތޮޅު އުތުރުބުރީ މާފަރު ފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހުރީއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް މި ގޮތަށް ކަނޑައަޅުއްވާފައިވަނީ ގާނޫނުގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ފެރިދޫ ތަރައްގީގެ މުސްތަގުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ފުރިހަމަ ވަސީލަތެއްގެ ގޮތުން، މާފަރު ފަޅަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސާދެއްވާނެކަން ރައީސް އިއުލާން ކުރެއްވީ މިދިޔަ އޮގަސްޓު މަހު ފެރިދުއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، ޓޫރިޒަމަށް ބަރޯސާވާ ފެރިދޫގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި، ރަށަށް އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައި އެ ފަޅު ބޭނުންކުރެވޭނެ ކަމަށެވެ. އަދި ޕިކްނިކް އައިލެންޑު ހަދާއިރު ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭނެ ގޮތަށް ކަންކަން ކޮށްގެން ނުވާނެކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ހާއްސަކޮށް ރަށް ގިރާނެ ގޮތަކަށް ހަދައިގެން ނުވާނެ ކަމަށެވެ.
ފެރިދޫއަކީ އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށްކަމަށް ވުމާއެކު، ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށާއި، ރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފެއްޓުމަށާއި ނެރުގެ މައްސަލައަށްވެސް މި އަހަރު ހައްލެއް ހޯއްދަވައި ދެއްވާނޭކަމަށް އެ ދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ އެ ދަތުރުފުޅުގައި ފެރިދޫގައި ވަނީ އިތުރު ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެއީ ފެރިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، އއ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމެވެ.
ފެރިދޫއަކީ އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށްކަމަށް ވުމާއެކު، ސިއްހީ މަރުކަޒުގެ ބިނާރާއި އިންސާނީ ވަސީލަތްތައް ހަރުދަނާ ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.