މި ނިމުނު އަހަރުގެ މާލީ ބަޔާން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުށަހަޅަން ޖެހޭ މުއްދަތު ފާއިތުވެގެން ދިޔަ އިރު، މާލީ ބަޔާން ހުށަހަޅާފައިނުވާ 5 މެމްބަރުންނަށް މަޖިލީހުން ނޯޓިސް ދީފިއެވެ.
މަޖިލީހުގެ މީޑިއާ އޮފިސަރު އަހުމަދު މާން އަސްއަދު ވިދާޅުވީ މި މަހު 15 ގެ ކުރިން މާލީ ބަޔާން ހުށަހެޅުމަށް އެ މެންބަރުންނަށް އަންގައި މި މަހުގެ 1، ގައި ނޯޓިސް ދީފައިވާ ކަމަށެވެ.
މާލީ ބަޔާން ހުށަހަޅަން ޖެހޭ ސުންގަޑި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަމަވެފައިވާއިރު، މަޖިލީހަށް މާލީ ބަޔާން ހުށަހެޅުއްވީ 88 މެންބަރުންނެވެ. މާލީ ބަޔާން ހުށަނާޅާ 5 މެމްބަރުންނަކީ:
- ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު (ޕީއެންސީ)
- ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް (ޕީއެންސީ)
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް (ޕީއެންސީ)
- މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ)
- މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު (ޕީއެންސީ)
ފާހަގަކުރެވޭގޮތުގައި މާލީ ބަޔާން ހުށަހަޅަން އޮންނަ މުއްދަތުގެ ތެރޭގައި، ބަޔާން ހުށަނާޅާ މެމްބަރުންނަށް މަޖިލީހުގެ ގަވާއިދުގެ 77 ވަނަ މާއްދާގެ ދަށުން އަޅާ ފުރަތަމަ ފިޔަވަޅަކީ 15 ދުވަހުގެ ނޯޓިސްއެއް ދިނުމެވެ.
ނޯޓިސް ފޮނުވުމަށްފަހުވެސް މާލީ ބަޔާން ހުށަނާޅާނަމަ ދެން އަމަލުކުރަން ގަވައިދުގައިވާ ގޮތަކީ އެންމެ އަވަހަށް އޮންނަ މަޖިލީހުގެ ޖަލްސާގައި މާލީ ބަޔާން ހުށަނަޅާނާ މެންބަރުގެ ނަން އިއްވައި މަޖިލީހުން ނެރުމެވެ. އެއަށްފަހު އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާތަކުގަ އާއި ކޮމިޓީތަކުގައި ބައިވެރިވެވޭނީ މާލީ ބަޔާން މަޖިލީހަށް ހުށަހެޅުމަށްފަހު ކަމަށް މަޖިލިސް ގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ.