ފަތުރުވެރިކަމަށް ހާއްސަކޮށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމައިފިއެވެ.
އެސްޑީއެފްސީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެކުލަވާލާފައިވާ ޝަރީއާ ހުއްދަ ކުރާ ލޯނު "ތިޖާރާ ރަށު ފަތުރު" އަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ.
މި ފައިނޭންސިންގެ ދަށުން 5،000،000 ރުފިޔާ އާ ހަމައަށް ލޯނު ދޫކުރުމަށް ނިންމާފައިވާއިރު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލާ ދުވަހުން ފެށިގެން އެސްޑީއެފްސީގެ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.
ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްޑީއެފްސީ އުފެއްދީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް އެސްޑީއެފްސީ ނުވަތަ އެސްއެމްއީ ބޭންކުން އަންނަނީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަމުންނެވެ. އެސްޑީއެފްސީން ތަފާތު ދާއިރާތަކުން ލޯނު ދޫކުރަމުންދާއިރު ދާދިފަހުން ވަނީ އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލާފައެވެ.
ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލުމުގެ މަގްސަދަކީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިގްތިސާދަށް ފުދުންތެރިކަން އިތުރު ކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ ފުރަތަމަ އަހަރުގެ ތެރޭގައި މި ސަބްސިޑަރީ މެދުވެރިކޮށް 500 މިލިޔަން ރުފިޔާގެ ފައިނޭންސިންގް ދޫކުރުމެވެ. އަދި މުޖުތަމައުގެ ތަރައްގީއާއި ދެމެހެއްޓެނިވި ވިޔަފާރީގެ ކުރިއެރުމަށް އެހީތެރިވުމަށްޓަކައި މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިންގް އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މެދުވެރިކޮށް 3 އަހަރުގެ ތެރޭގައި 300 މިލިޔަން ރުފިޔާ އިންވެސްޓްކުރާނެއެވެ.