ރާއްޖެއާއި ޗައިނާއާދެމެދު އެކިދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މުހިންމު 11 ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާތަކުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް އޮފީހުން ބުނީ މި ފަހުމުނާތަކުގައި ސޮއިކުރެއްވީ ޗައިނާގެ ބެއިޖިންގެ ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި ކަމަށާއި، ސޮއިކުރެވުނު ފަހުމުނާމާތަކުގެ ތެރޭގައި އިގްތިސާދީ ތަރައްގީ، އުމްރާނީ ތަރައްގީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއާއި ޗައިނާ އާދެމެދު ގުޅުން ބަދަހި ކުރުން ހިމެނޭ ކަމަށެވެ.

މި ފަހުމުނާމާތަކަކީ މުސްތަގުބަލުގައި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމާއެކު، ދެމެހެއްޓެނިވި ތަރައްގީއަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވެގެންދާނެކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރައީސް މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ޓިއަންޖިންގައި އިއްޔެ ބޭއްވި "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައިވެސް ރައީސް ވަނީ ތަގުރީރުކުރައްވާފައެވެ. އެގޮތުން ރައީސް ވަނީ ޗައިނާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ، ދިވެހިރާއްޖެއަކީ ވިލުންތެރި، އަޒުމުވަރުގަދަ ގައުމެއް ކަމުގައި ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ޗައިނާގައި މިހާރު ކުރިއަށްދާ އެސްސީއޯ ޓިއަންޖިން ސަމިޓަކީ 31 އޮގަސްޓް އިން ސެޕްޓެމްބަރު 1، 2025 އަށް ޗައިނާގެ ޓިއަންޖިންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސްސީއޯގެ ހެޑްސް އޮފް ސްޓޭޓް ކައުންސިލްގެ 25 ވަނަ ބައްދަލުވުމެވެ.