ދިމާވި މައްސަލައެއް ހައްލުކުރުމަށް ފުވައްމުލަކު އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
ފުވައްމުލަކަށް ފްލައިޓް އޮޕަރޭޓް ކުރާ އެއާލައިން މޯލްޑިވިއަންއިން ބުނީ ފުވައްމުލަކު އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރުމުގެ ސަބަބުން ޝެޑިއުލް ފްލައިޓްތަކަށް ބުރޫ އަރާފައިވާ ކަމަށެވެ.
ފްލައިޓްތަކަށް ބުރޫ އެރުމުގެ ސަބަބުން ދަތިތައް ކުރިމަތިވެފައިވާ ފަސިންޖަރުންނަށް ގުޅައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ. އަދި ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.
ފަސިންޖަރުން އެހީތެރިކަމަށް ބޭނުންވާނަމަ، މޯލްޑިވިއަންގެ ކޯލު ސެންޓަރަށް (1671) ގުޅުމަށް ނުވަތަ މެއިލް ކުރުމަށް އެ ކުންފުނިން އެދިފައިވެއެވެ. ފުވައްމުލަކު އެއާޕޯޓަށް ދިމާވެފައި ވަނީ ކޮން މައްސަލައެއްކަން މޯލްޑިވިއަންއިން ހާމަކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް އިތުބާހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފައި ވަނީ އެ އެއާޕޯޓުގެ ފަޔާ ވެހިކަލް ހަލާކުވުމާ ގުޅިގެންނެވެ. އަދި މިހާރު އެ ވެހިކަލް ރަނގަޅު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.