ނުކުޅެދުންތެރިކަން ހުންނަ މީހަކު އޭނާގެ ބައްޕައަށް ހަމަލާ ދިން މައްސަލައިގައި އަނިޔާވި މީހާ އިތުރު ފަރުވާ އަށް މާލެ ގެނެސްފިއެވެ.
ފުލުހުން ބުނީ، އއ. އުކުޅަހުގައި ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 26 އަހަރުގެ ފިރިހެނަކު، އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލައެއް ރޭގެ 10:30 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަނިޔާވި މީހާ އަށް އެ ރަށު ހެލްތު ސެންޓަރުގައި ރޭ ފަރުވާ ދިން ނަމަވެސް ފަހުން އިތުރު ފަރުވާއަށް ވަނީ މާލެއަށް ގެނެސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގައިގެ ދެތަނަކަށް، އަތާއި ބަނޑު ޒަހަމްވެފައިވީ ނަމަވެސް އެ ޒަހަމްތަކަކީ އެހާ ފުން ޒަހަމްތަކެއް ނޫނެވެ. ނަމަވެސް ބަނޑަށް ހަމަލާދީފައިވާ ތަން ދުޅަވާން ފެށުމުން އިތުރު ފަރުވާއަށް އޭނާ ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި މާލެއަށް ފޮނުވާލާފައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗް ގައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗް އިން ބުނީ، އަދިވެސް އެމީހާއަށް އަންނަނީ އެމްޖެންސީ ރޫމްގައި ފަރުވާ ދެމުން ކަމަށެވެ.