އއ. މާޅޮހުގައި، މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަހުމަދު އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

އަބްދުއް ރަހްމާންގެ މަރަށް އެއް މަހަށްވުރެ ގިނަ ދުވަސްވިފަހުން، މި މައްސަލައިގައި އެ ރަށުގެ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި މި މަހު 21 ވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ އާޝިދުގެ އިތުރުން މުހައްމަދު ވިޝާމް އާއި އަހުމަދު ފާރިސްއެވެ. ވިޝާމް އާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު އެންމެ ފުރަތަމަ އާޝިދުގެ ބަންދަށް ޖަހާފައިވަނީ 5 ދުވަހެވެ. އޭނާގެ ބަންދުގެ މުއްދަތު އިއްޔެ ހަމަވެފައިވާއިރު، ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮތްތަން ފެނިގެން އެކަން ސިއްހީ މަރުކަޒަކަށް އެންގީ އޭނާގެ އަންހެނުންނެވެ. އަބްދުއްރަހުމާން އާދަމް ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންކަމަށް އަބްދުއްރަހުމާންގެ އޮޓޮޕްސީ ވަގުތީ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އަބްދުއްރަހުމާނަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަކީވެސް ކުށުގެ ވެށީގައި އުޅޭ އަދި ކުށުގެ އެއްވެސް ރެކޯޑެއް އޮތް ބައެއް ނޫންކަމަށް އެ ރަށުން ވާހަކަދެއްކި ގިނަ މީހުން ބުނެފައިވާއިރު، މި މައްސަލަ ގުޅެނީ ސިހުރުގެ މައްސަލައަކަށް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އެހެންނަމަވެސް މި މައްސަލައާއި ގުޅޭ މިފަދަ އެއްވެސް ކަމެއް ފުލުހުން ހާމަކޮށްފައިނުވާއިރު، މި މަރާއި ގުޅޭ މާ ބޮޑު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.