މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލަައި ބޮޑެތި ފިޔަވަޅުތައް އެޅޭ ގޮތަށް ފަރުވާ ކުރި ބިލާ ދެކޮޅު ހެދުމުގެ ގޮތުން އިހުތިޖާޖު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް އެއްވި ބައެއް ނޫސްވެރިން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފިއެވެ.
ހައްޔަރު ކުރި ނޫސްވެރިންގެ ތެރޭގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އަދި އެމްއެމްސީގެ ހިންގާ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނޭ 'ދައުރު' ނޫހުގެ ބައެއް ނޫސްވެރިންނާއި 'އަދަދު' ނޫހުގެ ނޫސްވެރިންގެ އިތުރުން މީޑިއާ ރެގިއުލޭޓެ ނުކުރެވޭނެ ކަމަށާއި ބިލް ބޭރުކޮށްލަން ގޮވާލައި ބައެއް ނޫސްވެރިން ހިމެނެެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބ. ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު މަޖިލީހަށް ހުށަހެޅި މީޑިއާ ބިލުގައި ނޫސްވެރިންނާއި ނޫސް އިދާރާތަކަށް ބޮޑެތި އަދަބުތައް ދެވޭގޮތަށް އޮތުމުގެ އިތުރުން ނޫސްތަކުގެ ލައިސަންސް ހިފަހައްޓައި ނޫސް އިދާރާ ބަންދު ކުރުމުގެ ބާރު ކޮމިޝަނަށް ދީފައި ވެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ސަލާމަތީ ހިދުމަތްތަކުގެ ބާރުގައި މީޑިއާ ހައުސްތައް ބަންދު ކުރެވިދާނެ ފަދަ މާއްދާތައް ވެސް ހިމަނާފައި ވެއެވެ.
މީގެ އިތުރުން ފަތުރާ ހަބަރާއި މައުލޫމާތެއްގެ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ކަނޑައެޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް އަދި ހިފެހެއްޓޭނެ ބާރުތައް ކޮމިޝަނަށް ދޭ މާއްދާތައް ހިމަނާފައި ވެއެވެ.
މި ބިލު ބޭރުކުރަން ގޮވާލައި މިއަދު ބައެއް ނޫސްވެރިން ވަނީ މަޖިލީސް އިދާރާގެ ބޭރުގައި ވެސް އިހުތިޖާޖު ކޮށްފައެވެ.