އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ދެން ކިޔަވަމުންދާ ސުކޫލު ބަދަލުނުކުރެވޭނެ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އާ އުސޫލެއް އެކުލަވާލައިފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދު ވިދާޅުވީ މީގެ ކުރިން އުސޫލު އޮތް ގޮތުން އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް ވަރަށް ފަސޭހަކަމާ އެކު އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުންނަށް ބަދަލުވެވޭ ކަމަށާއި މިގޮތަށް ގިނަ ދަރިވަރުން އަބަދުވެސް ބަދަލުވަމުންދާ ކަމަށެވެ.

ނަމަވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވީ ބޭނުންވާ ކޮންމެ ވަގުތެއްގައި ސްކޫލު ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި، މިނިސްޓްރީން މި ބަދަލު ގެންނަން ނިންމީވެސް ދަރިވަރުންގެ އުނގެނުމާއި ސްކޫލު ބަދަލުވުމުން އެ ކުދިންނަށް ދިމާވާނެ ދަތިތައް ފަސޭހަކުރުމުގެ ގޮތުން ކަމަށެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ އާ އުސޫލާއެކު ދެން ސްކޫލު ބަދަލު ކުރެވޭނީ ދިރާސީ އަހަރެއްގައި 2 ފަހަރު ކަމަށާއި އަދި އެކަން ކުރެވޭނީވެސް ވަކި ދުވަސްވަރެއްގައި ކަމަށެވެ. އެގޮތުން ދަރިވަރުން ބަދަލުކުރެވޭނީ ދިރާސީ އަހަރު ފެށުމުގެ ކުރިންނާއި ދެވަނަ ޓާމް ފެށުމުގެ ކުރިން ކަމަށާއި، މިއީ ސިންގަޕޫރު ފަދަ ގައުމުތަކުގައިވެސް އުސޫލު އޮންނަ ގޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވީމާ އެ ކުދިންނާ އެއްކޮށް ބަދަލުވި ޕިއާސް ބަދަލުވެ މުޅިން އާ މާހައުލަކަށް ކުއްޖާ ދިއުމާއި އަދި މި ކަހަލަ ވަރަށް ގިނަ ކަންކަން ހުންނާނެ. މިއީ ދަރިވަރެއްގެ އުނގެނުމަށް އެންމެ ރަނގަޅު ގޮތެއް ނޫން.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދު

މިފަދަ ހާލަތްތަކުގައިވެސް އެކްސެޕްޝަނަލް ކޭސެސް އަތުވެދާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ ހާއްސަ ހާލަތެއް ދިމާވެއްޖެނަމަ އެކަމެއް މިނިސްޓްރީން ބެލުމަށްފަހު އެ ފުރުސަތު ދަރިވަރަށް ދޭނެ ކަމަށެވެ.