ސްޓެލްކޯގެ ސަބްސްޓޭޝަނެއް ތެރެއަަށް ވަދެ ކޭބަލް ބުރިކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރޭ 9:46 ހާއިރު ފަރީދީ މަގު ގަޑިބުރު ކައިރީގައި ހުރި ސްޓެލްކޯ ސަބްސްޓޭޝަން ތެރެއަށް ބަޔަކު ވަދެ ކޭބަލް ބުރި ކުރި މައްސަލަ އެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، މި މައްސަލަައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ހުޅުމާލޭގެ ސްބް ސްޓޭޝަންތަކުން ވެސް ކަރަންޓް ކޭބަލް ބުރިކޮށް, ވަގަށް ނަގާފައިވާ މައްސަލަތަކެއް މީގެކުރިން ފެންމަތިވެފައިވެއެވެ. އެޗްޑީސީއިން ބުނެފައި ވަނީ އެ ތަކެތި ވަގަށް ނަގަނީ 'ބްލެކް މާކެޓް' ގައި ވިއްކުމަށެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ކަރަންޓް ކޭބަލްތައް ވަގަށް ނަގާ މައްސަލަ އަންނަނީ އިތުރުވަމުންނެވެ. ކަރަންޓު ކޭބަލްތައް ވަގަށް ނެގުމުގެ ތެރޭގައި މީހުންނަށް އެކި ވަރުގެ އަނިޔާތައް ވާއިރު، ކޭބަލް ވަގަށް ނަގަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ބައެއް މީހުންގެ ފުރާނަ ވެސް ގޮސްފައިވާކަން ފާހަގަކުރެވެއެވެ.