އުރީދޫއިން ފުރަތަމަ ފަހަރަށް ރާއްޖޭގައި ރިސޯޓެއް ސަބްމެރިން ކޭބަލަކުން ގުޅާލައިފިއެވެ.

މިކަމާ ގުޅިގެން އުރީދޫ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަބްމެރިން ކޭބަލް މެދުވެރިވެރިކޮށް ގުޅައިލި ރިސޯޓަކީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީ ރިސޯޓު ކަމަށާއި، މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދަތުރުގައި ލިބުނު ތާރީހީ ކާމިޔާބީއެއް ކަމަށެވެ.

އުރީދޫ އިން ބުނީ މިއީ ރާއްޖޭގެ ރިސޯޓަކަށް ސަބްމެރިން ކޭބަލެއް އެޅި ފުރަތަމަ ފަހަރު ކަމަށާއި، މި ކޭބަލާއެކު ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީއާ އިތުރު ކެޕޭސިޓީގެ އިތުރުން ރެޒިލިއަންސް އަދި ސްޕީޑު ކަށަވަރު ވެގެންދާނެ ކަމަށެވެ.

މިއަދު އިތާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމާއި، އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީއާއި، އިތާފުށީގެ ޖެނެރަލް މެނޭޖަރު ޓީޖޭ ޖައުލްގެ އިތުރުން އުރީދޫ އާއި ވޮލްޑޯފްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ހާލިދު ވިދާޅުވީ ވޭތުވެދިޔަ 20 އަހަރު އުރީދޫ އިން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެފައިވާ ކަމަށާއި، ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފްކޮށް ދިވެހިންގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެހެން ބޭނުންތެރި ބަޔަކަށް ވެފައިވާ ކަމަށެވެ.

ރާއްޖޭގައި ފުރަތަމް ފަހަރަށް ސަބްމެރިން ކޭބަލް ރިސޯޓަށް ގުޅާލުމަކީ ޑިޖިޓަލް ޑިވައިޑް ނައްތާލައި މުސްތަގުބަލަށް ތައްޔާރުވެފައިވާ ކަނެކްޓިވިޓީއަކުން މުޖުތަމައުތައް ބާރުވެރި ކުރުވުމަށް ކުރާ މަސައްކަތުގައި ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް
ސީއީއޯ ހާލިދު

ޑުއަލް ރެސިޑެންސީއާއި އޭއައި ޕަވާޑް ފީޗާތަކާ ޕްރައިވެޓް 5ޖީ އިންފްރާސްޓްރަކްޗާއާއެކު، އެ ރިސޯޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް 'ނެކްސްޓް ޖެނެރޭޝަން'ގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫއިން ތައްޔާރުވެފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ތޯރިގު ވިދާޅުވީ 2005 ވަނަ އަހަރު އުރީދޫ އުފެދުނީއްސުރެ ޑިޖިޓަލް ދަތުރަކުން އެއްވެސް މީހަކު ބާކީ ނުކުރުމަށް ޓަކައި ބޮޑެތި ކުރިއެރުންތަކެއް އެ ކުންފުނިން ހޯދާފައިވާކަމަށާއި، މި ސަބްމެރިން ކޭބަލަކީ ޓޫރިސްޓް ރިސޯޓެއްގައި މިފަދަ ފުރަތަމަ ފަހަރަށް ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވުން ކަމެއް ކަމަށެވެ. އެއާއެކު ތޯރިގު ވަނީ މިއީ މުސްތަގުބަލަށް ތައްޔާރުވެފައިވާ ދިވެހިރާއްޖެއަކާ ގާތްކޮށްދޭ އިތުރު ކާމިޔާބީއެއްކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ތޯރިގުގެ އިތުރުން އިތާފުށީގެ ޖެނެރަލް މެނޭޖަރު ވިދާޅުވީ އެ ރިސޯޓުގައި މި މުހިންމު ރަސްމިއްޔާތު ބޭއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި، އެލިވޭޓެޑް ލަގްޒަރީ އަދި ޕާސަނަލައިޒްޑް ސާވިސް ރަމްޒުކޮށްދޭ މަންޒިލެއްގެ ހައިސިއްޔަތުން، މިއަދުގެ ދުނިޔޭގެ ދަތުރުވެރިންގެ އަބަދުވެސް ބަދަލުވަމުން އަންނަ ބޭނުންތައް ފުއްދުމުގައި ސީމްލެސް ކަނެކްޓިވިޓީގެ މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

އުރީދޫ އިން ވަނީ ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމަށް ފެށީއްސުރެ 20 އަހަރު ފުރުން ފާހަގަކުރާ އިރު، މި މުހިންމު ޕްރޮޖެކްޓްގެ ސަބަބުން ކުންފުނީގެ ޑިޖިޓަލް މޯލްޑިވްސް ވިސްނުމަށް ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާކަމަށް ބުނެފައެވެ.