ވ.އަތޮޅު ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ ބޯޓު ފަރުން ނެއްޓިގެން، އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކުރަމެވެ.
އެމްއެންޑީއެފް އިން ބުނީ މިބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވ.އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް ކަމަށެވެ. އެހެންކަމުން ވ.އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހާއްސަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
ވ. އަތޮޅުގައި އަޑިއަށް ގޮސްފައި އޮންނަ ބޯޓަކީ މީގެ 10 ވަރަކަށް އަހަރު ކުރީން ރާއްޖެއިން ބޭރުން އޮޔާ އައި ބޯޓެކެވެ. އަވައްޓެރި ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓު ވާވު އަތޮޅަށް ވަނުމުން އެންމެ ފުރަތަމަ ކަފު ޖަހައިގެން ގެންދަން މަސައްކަތްކުރީ އެ އަތޮޅު ތިނަދޫއަށެވެ. ނަމަވެސް އެންމެ ދޯންޏެއްގައި އެމީހުންނަށް އެ ބޯޓު ކަފު ޖަހައިގެން ގެންދެވޭ ގޮތް ނުވިއެވެ. އަދި އެމްއެންޑީއެފްއަށް އެ މައުލޫމާތު ލިބުމާއި ގުޅިގެން އެ ސަރަހައްދަށް އެމްއެންޑީއެފް އިން ގޮސް އެ ބޯޓު ކައިރިއަށް ފީނައި އޭގައި ހަތިޔާރު ހުރިތޯ ބެލާފައިވެއެވެ.
އެ ބޯޓު މިހާރު އޮންނަ ސަރަހައްދުގައި މަޑުޖެހުނީ ވ. ކެޔޮދޫ ބަޔަކު އެ ބޯޓު ކަފު ޖަހައިގެން އެ ރަށް ކައިރިއަށް ގެންގޮސްފައި އޮއްވައި އޮޔާ ގެންގޮހެވެ. މި ޝިޕް ރެކަކީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަގޫބޫލު ތަނަކަށްވާއިރު މިއަހަރު ޖަނަވަރީ މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި މި ޝިޕްރެކަށް ވަނީ ގެއްލުންތައް ލިބިފައެވެ.