ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަ ދެއެވެ.
ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކުރަން ޖެހޭ އެންމެހާ މުއާމަލާތްތައް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ފަށާފައި ވަނީ އިއްޔެއެވެ.
އެގޮތުން އެއްބަސްވުންތަކުގައި ސޮއިކުރަން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާއިރު ސޮއި ކުރުން ކުރިއަށްދާނީ، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން 4:00 އަށެވެ.
އެއްބަސްވުމުގައި ސޮއިކުރަން ދާން ޖެހެނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން، އެދުވަހެއްގައި ސޮއިކުރަން ދާން އަންގާ މީހުން އެކަނިކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި އެ ދުވަހެއްގައި ސޮއިކުރަން ދާންޖެހޭ މީހުންނަށް އެކަން އަންގަނީ އެސްއެމްއެސް މެދުވެރިކޮށް ކަމަށް ވެއެވެ.
މި މަޝްރޫއުގައި ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތައް ދޫކުރުމަށް ނިންމާފައިވަނީ 9500 ރުފިޔާއަށެވެ. އަދި 2 ކޮޓަރީގެ އަގަކީ 7000 ރުފިޔާއެވެ. އެޕަރޓްމަންޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް ދައްކަން ޖެހެނީ 25000 ރުފިޔާ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15000 ރުފިޔާ ދައްކަންޖެހެއެވެ.
ތަޅުދަނޑި ހަވާލުކުރާނީ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމުގައިވެސް ބުނެފައިވެއެވެ. އަދި ހަމަ އެހެންމެ 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް މެއިންޓަނަންސް ފީގެ ގޮތުގައި 1500 ރުފިޔާ މަހަކު ދައްކަން ޖެހޭއިރު، 2 ކޮޓަރިއަށް ދައްކަންޖެހެނީ 1000 ރުފިޔާއެވެ.