ނ. ކުޑަފަރީގައި އިހުތިޖާޖުކުރި ރައްޔިތުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.
ރައީސް ކުޑަފަރިއަށް ވަޑައިގެންފައިވަނީ މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ކުޑަފަރީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވަނީ އެ ރަށު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށުގެ ގިރާ ސަރަަހައްދު ނުވަތަ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުރާއިރު އިގުތިސާދީ ނަފާ ލިބޭނެފަދައިން ލޭންޑް ޔޫސް ޕްލޭންގައި ރައްޔިތުން އެދޭގޮތަށް ކަނޑައަޅާފައިވާ ގޮތުގެ މަތިން މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.
އެއާއެކު ރައީސް ވަނީ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުޑަފަރީގައި ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެއިތުރުން ރަށުގެ ހެލްތު ސެންޓަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކުރައްވާ ރައީސް ވިދާޅުވީ ހެލްތު ސެންޓަރު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު އެމްޓީސީސީއާއި ހަވާލު ކުރެވިފައިވާ ކަމަށާއި ދާދި އަވަހަށް އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުކުރުމަށް ފިޓްނަސް ރިކްރިއޭޝަން ސެންޓަރެއް ހެދުމަށް ނިންމާފައިވީ ނަމަވެސް އެތަން ހެދުމަށް ބޭނުންވާ ކަންކަން ކުޑަފަރީގައި އަދި ފަހިވެފައި ނުވާ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ އެ ސެންޓަރު އަޅާނެ ބިމެއް ކައުންސިލުން ހަމަޖައްސައިދެއްވާނެ ކަަމަށް އުންމީދުކުރައްވާ ކަމަށެވެ.
ރަށުގެ ތަރައްގީއަށް ބޭނުންވާ ހުރިހާ ކަމެއްގައި އެއްވެސް ތަފާތުކުރުމެއް ނެތި ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ ރަށުގެ ރައްޔިތުންނަށް ތަރައްގީ ފޯރުކޮށްދިނުމަށް ސަރުކާރުން ތައްޔާރަށް ތިބި ކަމުގައި ވިދާޅުވެފައެވެ. ރައީސް ވަނީ ރަށުގެ އިންޖީނު ގޭގެ ހާލަތާމެދުވެސް ރައްޔިތުން ކަންބޮޑުވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިންޖީނުގެ މިހާރުވެސް ހުރި ސަރަހައްދުގައި ބޭރަށް އަޑު ނުދާނެ ފަދައިން ބޮޑު އިންޖީނުގެއެއް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރަށްރަށަށް ދަތުރު ކުރައްވަނީވެސް ސީދާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ގާތުން އަޑުއެއްސެވުމަށް ކަމަށާއި، ސަރުކާރާއި ހިޔާލު ތަފާތުވާ ކައުންސިލުން ނުވަތަ އެހެން ފަރާތްތަކާއި މެދުވެސް މާ ބޮޑު ފަރުވާލެއް ނުބަހައްޓާއި ރައްޔިތުންނާއެކު ކުރިއަށް ދިއުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށެވެ.