ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ހައުސިންގް ޔުނިޓު ލިބޭ ފަރާތްތަކުން ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުލި ދައްކާނަމަ 100 ޕަސެންޓު ސަބްސިޑީގެ މަންފާ ލިބޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތަކުގެ މަހު ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓާ ގުޅޭ ކަންކަން ސާފު ކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެފްޑީސީން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ތެރެއިން، އާންމު ރައްޔިތުންނަށް އޮޅުންއަރާގޮތަށް ބައެއް މައުލޫމާތުތައް ދައުރުވަމުންދާ ކަމަށެވެ.
އެހެންކަމުން އެކަމާ ގުޅޭ ތަފްސީލުތައް ހިއްސާ ކުރަމުން އެ ކޯޕަރޭޝަނުން ބުނީ، 4000 ހައުސިންގް ޔުނިޓުގެ އެއްބަސްވުންތަކަކީ ޝަރީއާގެ ހަމަތަކާއި އެއްގޮވާގޮތުގެމަތިން އެކުލަވާލެވިފައިވާ އެއްބަސްވުމެއް ކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަހުކުއްޔާއި މެއިންޓެނަންސް ފީ އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކައިފިނަމަ، އެ ފަރާތަކަށް 100 އިންސައްތައިގެ ސަބްސިޑީގެ މަންފާ ލިބޭނެ ކަމަށް އެފްޑީސީން ބުނެފައިވެ އެވެ.
އަދި މަހެއްގެ 10 ވަނަ ދުވަހަށްވުރެ ފަހުން މަހު ކުލި ދައްކާ ހާލަތުގައި، ލިބޭ ސަބްސިޑީގެ އިންސައްތައަށް ބަދަލު އަންނާނެ ކަމަށްވެސް އެފްޑީސީން ބުނެފައިވެ އެވެ.
ސަބްސިޑީގެ އިންސައްތައަށް ބަދަލު އަންނަ ގޮތްތަކަކީ:
- މަހުގެ 16 ވަނަ ދުވަހުގެ ކުރިން، ކުލި ދައްކައިފިނަމަ 75 ޕަސެންޓު ސަބްސިޑީ
- މަހުގެ 21 ވަނަ ދުވަހުގެ ކުރިން، ކުލި ދައްކައިފިނަމަ 50 ޕަސެންޓު ސަބްސިޑީ
- މަހުގެ 26 ވަނަ ދުވަހުގެ ކުރިން، ކުލި ދައްކައިފިނަމަ 25 ޕަސެންޓު ސަބްސިޑީ
މީގެ އިތުރުން 4000 ފްލެޓްގެ މަހު ކުއްޔާއި، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުތަކާއި މެއިންޓެނަންސް ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދުގެ ތަފްސީލުވެސް ހާމަކޮށްފަ އެވެ.
ދެ ކޮޓަރީގެ އެޕާޓްމަންޓު:
- މަހު ކުލި: 7000
- މެއިންޓެނަންސް ފީ: 1000
- މަހަކު ދައްކަންޖެހޭ ޖުމްލަ: 8000
- ޑައުންޕޭމަންޓު: 15،000
ތިން ކޮޓަރީގެ އެޕާޓްމަންޓު:
- މަހު ކުލި: 9000
- މެއިންޓެނަންސް ފީ: 1500
- މަހަކު ދައްކަންޖެހޭ ޖުމްލަ: 10،500
- ޑައުންޕޭމަންޓު: 25،000
އެފްސީޑީން ބުނި ގޮތުގައި އެއްބަސްވުމުގެ ދަށުން މަހު ކުއްޔާއި ސަބްސިޑީ މަހުގެ ނިޔަލަށް ނުދައްކައިފިނަމަ، އެ ފައިސާ ދެއްކުމަށް އެދި އެފްޑީސީއިން ކުއްޔަށް ހިފާ ފަރާތައް ލިޔުމުން 30 ދުވަހުގެ ނޯޓިހެއް ފޮނުވުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށެވެ.