ރ. މާމުނަގާ ރިސޯޓުގައި އޮތް ސީޕްލޭން ޕްލެޓްފޯމެއް އޮޔާދާތީ ސަމާލުވާން އެދިއްޖެއެވެ.

ފުލުހުން ބުނީ މާމުނަގާ ރިސޯޓްގެ ފަޅުތެރޭގައި އަޅާފައި އޮތް ސީޕްލޭން ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާ ކަމަށާއި، މި ޕްލެޓްފޯމް އޮޔާދާނެކަމަށް ލަފާކުރެވެނީ ކާށިދޫ ކަނޑުތެރެއަށް ކަމަށެވެ.

އެހެންކަމުން މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރަމުން ފުލުހުން ބުނީ ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެ ސަރަހައްދަށް ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެ ކަމަށާއި މުޅިރާއްޖެއަށް ވިއްސާރަވެ، އަދި ވިލާގަނޑުގައި އިތުރަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކޮންމެހެން ކަނޑު މަގުން ކުރަން ޖެހިއްޖެ ދަތުރެއް ނޫނީ ނުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދުގެ 15:30 އިން 21:30 އަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.