ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފުލުހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ ފުލުހަކީ އުމުރުން 31 އަހަރުގެ އައިޝަތު ޝިޔާޒާ، ދިލްބަހާރުގެ، އދ. ކުނބުރުދޫ ކަމަށެވެ. ޝިޔާޒާގެ އިތުރުން މި އޮޕަރޭޝަންގައި އިތުރު މީހަކުވެސް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެއީ އުމުރުން 26 އަހަރުގެ ސައިފުﷲ އަހުމަދު، ހަޒާރުމާގެ، ހއ. ދިއްދޫ އެވެ.
ފުލުހުން ބުނީ މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ވިޔަފާރަވެރިންގެ މިސްކިތް ކައިރިން ކަމަށެވެ. ފުލުހުން ބުނީ އެ ދެމީހުން ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަަށް ހާޒިރުކުރުމުން އައިޝަތު ޝިޔާޒާއަށް 5 ދުވަސް އަދި ސައިފުﷲ އަޙްމަދަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތައް ދުވަހެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. ޒުވާނުންނާއި ކުޑަ ކުދިންގެ އިތުރުން މުސްކުޅި ފުރާގެ މީހުންވެސް މި ވަބާގައި ޖެހެމުން އަންނައިރު، ހުސްވި އޭޕްރީލް މަހުގެ 27 ވަނަ ދުވަހުވެސް ކުރިއަރު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.
އެގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގެ ތަހުލީލުތަކުން ކޮކެއިނަަށް ޕޮޒިޓިވްވިއިރު އެތަކެތީގެ ބަރުދަނުގައި ޖުމްލަ 1020 ގްރާމް ހުއްޓެވެ. މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.5 މިލިއަން ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަަށް ކަސްޓަމްސްއިން މައުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން މި އަހަރުގެ މާޗު މަހުވެސް ވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއެއްގެ ކެނެބިސް ކަސްޓަމްސް އިން އަތުލައިގަނެފައެވެ. އެ ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 856،000 ލައްކަ ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސް އިން އޭރު ބުނެފައިވެއެވެ.