މާލޭގައި، މީހަކަށް ބިރު ދައްކާ އެކައުންޓުގައި ހުރި ފައިސާތައް ޓްރާންސްފާކޮށް ފުލުހުންގެ ދައުރަށް ހުރަސްއެޅި ދެ މީހަކު، ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލޭގެ ހެންވޭރު ލޮނުޒިޔާރަތް މަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި ތަނަކަށް ވައްދައި އެކައުންޓްގައި ހުރި 200 ރުފިޔާ ޓްރާންސްފާ ކުރުވި މައްސަލައެއް މި މަހުގެ 18 ވަނަ ދުވަހުގެ ރޭ 23:57 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން އެޓެންޑްވިއިރު، ފޭރުނު ކަމަށް ތުހުމަތުކުރެވޭ މީހުން އެ ސަރަހައްދުގެ ގެއެއްގައި ތިބި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ ގެއަށް ފުލުހުން ވަންނަށް އުޅުމުން ފުލުހުންނާއި ކުރިމަތިލައި މާރާމާރީ ހިންގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ބާރުގެ ބޭނުންކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ވަރީސާ މަންޒިލް، ހަސަން ލޫޖެއިން މުހައްމަދު (23އ) އަދި މާލެ، ހ. ކަނޑުފިނީގެ، މުހައްމަދު ޝަފީއު (55އ)ކެވެ.
އެ މީހުން ހައްޔަރުކުރުމުގެ ތެރޭގައި ދެ މީހުންނަށާއި ފުލުހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާވެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އަނިޔާވުމާ ގުޅިގެން ހައްޔަރުކުރި މީހުންނަށާއި ފުލުސް އޮފިސަރުންނަށް ފަރުވާ ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ފުލުހުން ވަނީ ފޭރުނު މައްސަލައާ ފުލުހުންނަށް ހަމަލާދީ ވާޖިބު އަދާކުރުމަށް ހުރަސްއެޅި މައްސަލަ ތަހުގީގުކުރަމުން އަންނަކަަން ހާމަކޮށްފައެވެ.