އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް މަގާމުން ވަކިކޮށްފިއެވެ.

އާސިފް މަގާމުން ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު ހިޔާނާތުގެ މައްސަލައަކާ ގުޅިގެންނެވެ.

އޭނާ ސަސްޕެންޑްކުރިކަން އަންގާ މުވައްޒަފުންނަށް އޭރު ފޮނުވި ލިޔުމުގައިވަނީ ކަރެކްޝަންސްގެ އެޗްއާރުގެ ހުއްދަ ނެތި މުހައްމަދު އާސިފް އެ ސާވިސްގެ އެއްވެސް އިމާރާތަކަށް ވަނުމަކީ މަނާ ކަމެއްކަމަށެވެ. އަދި އެ އެންގުމާ ހިލާފަށް އާސިފު އަމަލުކުރައްވައިފި ނަމަ އެކަން ކަރެކްޝަންސްގެ އެޗުއާރު ސެކްޝަނަށް އެންގުމަށްވެސް އެދިފައި ވެއެވެ.

އަޑު ފެތުރިފައިވާ ގޮތުން އާސިފްގެ މައްޗަށް ތުހުމަތު ކުރަމުންދިޔައީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000 އަށްވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައެކެވެ.

އެ މައްސަލައާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ކަރެކްޝަންސް އިން ބުނީ، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، އާސިފް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކި ކުރީ އިއްޔެގެ ވަގުތެއްގައި ކަމަށް އެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލަ ފެންމަތިވުމާ އެކު އާސިފު ވަނީ ދެ ޓްރާންސެކްޝަނަކުން ކްލަބްގެ އެ އެކައުންޓަށް 70،000 ރުފިޔާ ޖަމާކުރައްވާފައެވެ. ނަމަވެސް އެއީ ކިހިނެއް ޖަމާވި ފައިސާއެއް ކަމެއް މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވެއެވެ.