މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

މި އަހަރަކީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ބުނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕުރޮގުރާމުގައި ވެސް މުހިންމު ބައެއް ކަންކަން ހިމެނޭ ކަމަށެވެ. އެހެންކަމުން ޖުލައި 28 އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހަމަޖައްސަވާފައި ކަމަށެވެ.

މިނިވަން ދުވަހާ ގުޅުވައި ޖުލައި 28 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ އިރު، މި އަހަރު ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާލާ ދިވަހަކީ ޖުލައި 24 އެވެ. އެހެންކަމުން ޖުލައި 25 އިން ފެށިގެން އޮގަސްޓް މަހުގެ 9 ވަނަ ދުވަހާ ހަމައަށް ސްކޫލްތައް ބަންދު ވާނެއެވެ.

މިނިވަން ދުވަސް މި އަހަރު މި އަންނަނީ ފުރަތަމަ ޓާމްގެ ބަންދު ދުވަސްވަރަށެވެ.