ހާފިޒުންނަށް ދޭ އެލަވަންސް ޖުލައި މަހުން ފެށިގެން 2 ގުނައަށް ބޮޑުކުރަން ނިންމައިފިއެވެ.

ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރުމަށް ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވައުދުވެޑައިގެންފައިވާ ފަދައިން ހާފިޒުންނަށް ދޭ އެލަވަންސް އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2 ގުނަ އަށް ބޮޑު ކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

ހާފިޒުން ތަމްރީނު ކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއްކަން ރައީސްގެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގުރުއާން ހިތުދަސް ކުރާ ހާފިޒުންގެ އަގު ވަޒަން ކުރުމުގެ ގޮތުން މިހާރު ދޭ އެލަވަންސް އ ގުނައަށް ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ހާފިޒުންނަށް ސަރުކާރުގެ ފަރާތުން މިހާރުވެސް ކޮންމެ މަހަކު 2000 ރުފިޔާގެ އެލަވަންސެއް ދެމުން ގެންދެއެވެ. އެހެންކަމުން މި ބަދަލާއެކު އެ އަދަދު 4000 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ.