އީރާނުގެ އިގްތިސޯދާ ގުޅިފައި ހުރި މުހިންމު ތަންތަނަށް އިޒްރޭލުން ދޭ ހަމަލާގެ ބަދަލު ފިސާރި ހިތިކޮށް އީރާނުން ދީފިއެވެ.

އިޒްރޭލުން ފެށި ހަނގުރާމަ އަށް 4 ދުވަސް ވީ އިރު، އިޒްރޭލުގައި ހުންނަ ހަމައެކަނި ތެޔޮ ރިފައިނަރީ (ތެޔޮ ސާފުކުރާ ކާރުހާނާ) މައި އިންޖީނުގެ އަދި އެންމެ ބޮޑު ވިޔަފާރީ ބަނޑަރު ހައިފާ އަށް ހަމަލާ ދީ އެތަންތަން ވަނީ ހަލާކު ކޮށްލާފައެވެ.

މީގެ އިތުރުން އެންމެ ބޮޑު އެއާޕޯޓަށް ހަމަލާދީ ހުއްޓުމަށް ގެނެސްފައި ވާއިރު، އީރާނުގެ ވަރުގަދަކަން ފެނި އިޒްރޭލަށް ވަނީ އިހުން ގެނުވާފައެވެ.

1973 އިން ފެށިގެން އިޒްރޭލުގެ ރައްޔިތުން ހީކޮށްގެން ތިބެނީ، އެމެރިކާ އާއި ހުޅަނގުން އިޒްރޭލު ދިފާއު ކުރުމުގައި ދެމި ތިބޭނެ ކަމަށެވެ. ނަމަވެސް އީރާނުގެ ވަރުގަދަ ހަމަލާތަކާއެކު އާންމުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެ، އެމީހުން ސަލާމަތް ކުރާނީ ކޮންބައެއްތޯ އަހާ މިހާރު ސުވާލު އުފައްދައެވެ.

އިޒްރޭލުގައި ހަރަކާތްތެރިވުމުގެ ހުއްދަ އޮންނަ މަދު މީޑިއާތަކުގެ ތެރެއިން ޓީއާރުޓީ، ސީޖީޓީއެން އަދި އާރްޓީ ގެ ބައެއް ނޫސްވެރިން ބުނީ، އެމީހުންނަށް ތެލްއަވީވްގެ ހާލަތު ގާތުން ފެންނަ ކަމަށާއި އާންމުންގެ ގިނަ ބަޔަކާ ވާހަކަ ދެއްކޭ އިރު، އެމީހުންގެ ހިތްތަކުގައި މިހާރު ބިރުވެރިކަން އުފެދިފައި ވާ ކަމަށެވެ.

މިއަދު އާރްޓީގެ މެދުއިރުމަތީގެ އިންޗާޖް ބުނީ، އީރާނުން ފޮނުވާލައި ބެލެސްޓިކް މިސައިލްތައް އިޒްރޭލަށް ނުހުއްޓުވޭ ކަމަށާއި، އެމެރިކާއިން ދީފައި ހުރި 'ތަރޑް ބެޓެރި ސިސްޓަމް' އަށް ވެސް އެ ނުހުއްޓުވޭ ކަމަށެވެ. އަދި މިވަގުތު އިޒްރޭލުގައި ބޭނުން ކުރާ، ]އެކި ދުރުމިނުން ހަމަލާ ނާކާމިޔާބު ކުރާ] 4 ނިޒާމަށް ވެސް އެ މިސައިލްތައް ނުހުއްޓުވޭ ކަމަށާއި، ބާރު ސްޕީޑްގައި އައިސް ހަމަލާ އަރާ ކަމަށެވެ. އެގޮތުން 20، 50 އަދި 100 އިން މިސައިލް އަންނަ ކަމަށާއި ކިތަންމެ އެޑްވާންސް ސިސްޓަމް ހުއްޓަސް އެވަރަށް އަންނަ އިރު ނުހުއްޓުވޭނެ ކަމަށް އޭނާ ބުނެއެވެ.

އީރާނުން އިޒްރޭލަށް ދިން ހަމަލާތަކުގައި ގެއްލުންތަކެއް ލިބިފައި

މިއާއެކު އާންމުންގެ ގިނަ ބަޔަކު ބިންގަރާސްތަކަށް ވަންނަމުން ދާ ކަމަށާއި ހާސްކަމާއި ކަންބޮޑުވުން އޮތް ކަމަށެވެ.

އީރާނުން އިޒްރޭލަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 22 މީހަކު މަރުވެ 560 މީހަކު ޒަހަމްވެފައި ވެއެވެ.

އީރާނުގެ ހަމަލާތަކުގެ ބޮޑުބައެއް އިޒްރޭލުން ނާކާމިޔާބު ކޮށްލާއިރު، އިޒްރޭލުން އީރާނަށް ދޭ ހަމަލާތައް ވަރުގަދަވެފައި ދޭ ގެއްލުން ބޮޑެވެ. އެގޮތުން ފާއިތުވި 2 ދުވަހުގެ ތެރޭގައި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި ވެރިރަށް ތެހެރާން އާއި އުތުރުގެ ބައެއް ސަރަހައްދުތައް ވަނީ ގުޑުވާލާފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި އީރާނުން 220 މީހަކު މަރުވެ 1800 މީހަކު ވަނީ ޒަހަމްވެފައެވެ.