ވަގަށް ނަގާފައިވާ ސައިކަލަކާ އަދި އިތުރު ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާއީލް ސާއިފް (39 އ) އެވެ.

ފުލުހުން ބުނިީ އޭނާ ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ 13 ވަނަ ދުވަހު މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި އޭނާ އެވަގުތު އަރައި އިންސައިކަލުގައި ތަޅުދަނޑި ޖަހާފައިހުރުމުން އިތުރަށް މައުލޫމާތު ސާފުކުރުމުން އެސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގުމާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އޭނާ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ފޯނުތަކެއް ފެނިފައިވާ ކަމަށެވެ. އޭނާގެ އަތުން ފެނުނު މި ފޯނުތަކަކީ ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏަކުން ވަގަށް ނަގާފައިވާ ފޯނުތަކެއްކަން މިހާތަނަށް އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން އެނާ އެވަގުތު އަރައި އިން ސައިކަލުގެ މަޑިދަށް ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ގްރިޑަރަކާއި ސޭންޑަރަކާއި އިތުރު ތަކެތި ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.