މަޖީދީ މަގުގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްފައިވާ 74 އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް މިދިޔަ ބުރާސްފަތިދުވަހު ފުލުހުން ފަށާފައިވާއިރު، މިހާތަނަށް ދެ ފުރޮޅުލީ 69 އުޅަނދާއި ހަތަރު ފުރޮޅުލީ 5 އުޅަނދު ޓޯކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މަޖީދީމަގުން ޓޯކުރާ އުޅަނދުތައް އަބުރާ ލިބޭނީ 48 ގަޑިއިރު ފަހުން ކަމަށެވެ. މީގެ އިތުރުން ފުލުހުން ވަނީ އުޅަނދުތައް ޕާކު ކުރުމަށްޓަކައި، ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

މަޖީދީ މަގުގެ ޓްރެފިކަށް ބާރު ބޮޑުވާ ވަގުތުތަކުގައި އެކަން ހައްލުކުރަން ޓްރެފިކް ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް އެ މަގުގެ ދެ ފަރާތުގައި ޕާކުކުރުމުގެ މައްސަލަ ބޮޑުވެ އާންމުންނަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. އަދި ބައެއް ފަހަރު އެ މަގުގައި ޕާކު ކުރުމުގެ ސަބަބުން އެމްޓީސީސީގެ ބަސް ސްޓޮޕް ތަކާއި ބަސް ރޫޓަށް ދަތިވާކަން ވަނީ ފާހަގަކުރެވިފައެވެ.