ސްކޭމްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި ފުރަތަމަ ފްރޮންޓިއާ ޕްލަސް އޮޕަރޭޝަންގައި ރާއްޖެ އިން ބައިވެރިވެއެންމެ ގިނަ ފައިސާ ހޯދި ގައުމަކަށް ރާއްޖެ ހިމެނިއްޖެއެވެ.

މި އޮޕަރޭޝރޭޝަނަކީ ގިނަ ގައުމުތަކެއްގެ އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މިދިޔަ އޭޕްރީލް މަހުގެ 28 އިން މޭ މަހުގެ 28 އަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި 7 ގައުމަކުން ބައިވެރިވެ، އިންޓަނޭޝަނަލް ސްކޭމްތަކާ ދެކޮޅަށް ވަނީ މަސައްކަތްކޮށްފައެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަންގެ މުއްދަތުގައި ދިވެހިރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓުކުރެވިފައިވާ ކަމަށާއި، އެ މައްސަލަތަކުގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުންވެފައި ވާ ކަމަށެވެ. އަދި އޭގެ ތެރެއިން 640,000 ރުފިޔާ އަނބުރާ ހޯދާފައިވާ ކަަމަށް ފުލުހުން ބުނެއެވެ. މިއީ 21 ޕަސެންޓްގެ ރިކަވަރީ ރޭޓެއް ކަމަށާއި މިއީ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓު ކަމަށް ފުލުހުން ބުނެއެވެ.

އޮޕަރޭޝަން ފްރޮންޓިއާ ޕްލަސްގެ މައުލޫމާތު ހިއްސާކުރުމަށް މިމަހުގެ 3 ވަނަ ދުވަހު ހޮންކޮންގައި ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު އަދި ސްކޭމް އިންވެސްޓިގޭޝަންގެ ހެޑް ވެރިޔާ އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި އޮޕަރޭޝަނުން ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަމާއި ކުރިއަށް އޮތް ތަނުގައި މިފަދަ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށް ބައިވެރިވި ގައުމުތަކުގެ މެދުގައި ވަނީ މަޝްވަރާތައް ކޮށްފައެވެ.

އެގޮތުން ފްރޮންޓިއާ ޕްލަސް ނެޓްވޯކްގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ފުލުހުން ބުނެއެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަކީ ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފްރޮންޓިއާ ޕްލަސް ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑުގެ އިސްނެގުމުގެ ދަށުން އުފެދުނު ނެޓްވޯކެކެވެ. މިހާރު މި ނެޓްވޯކްގައި ސިންގަޕޫރު، އޮސްޓްރޭލިއާ، ކެނެޑާ، ހޮންކޮން، ތައިލެންޑް، ކޮރެއާ، މެލޭޝިއާ، އިންޑޮނޭޝިއާ، މަކާއޯ އަދި ދިވެހިރާއްޖެ ހިމެނެއެވެ.

މި ނެޓްވޯކްގެ ބޭނުމަކީ އޮޅުވާލައިގެން ހިންގާ މާލީ މުއާމަލާތްތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި، ސްކޭމް ހުއްޓުވުމަށާއި ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމުކުރުމެވެ.