ދިވެހި ހުރިހާ ހައްޖުވެރިން ވެސް އަރަފާތު ބިމަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ހައްޖުވެރިން އަރަފާތު ބިމަށް ދިއުމަށް ދަތުރުފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. އެގޮތުން މައްކާ ގަޑިން 3:30 ވީއިރު ދިވެހި ހުރިހާ ހައްޖުވެރިންނަށް އަރަފާތު ޓެންޓުތަކާއިހަމައަށް ވާސިލްވެވިފައިވާކަމަށް ހައްޖު މިޝަންއާއި ހަވާލާދީ މިނިސްޓްރީން ބުނެއެވެ.
އަދި ޖުމްލަ ގޮތެއްގައި ދިވެހި ހައްޖުވެރިންގެ ހާލު ރަނގަޅުކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ، ހައްޖުވެރިން މިއަދު ވަގުތުތައް ހޭދަކުރާނީ އަރަފާތުގައި ގާއިމްކޮށްފައިވާ ޓެންޓުތަކުގައި ކަމަށެވެ.
ހައްޖުމަހުގެ 09 ވަނަ ދުވަހުގެ މެންދުރުފަހުން ޢަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެއެވެ.
ޢަރަފާތަށް ދިޔުމަށްފަހު ހައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށް ގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ހައްޖުވެރިން ދެން ދާނީ ތަވާފުލް އިފާޟާކުރުމާއި ސަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސައުޔުކުރުމަށެވެ.
ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާއުގެ ތަވާފުކޮށް ހައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ. މިއަހަރު ދިވެހިރާއްޖެއިން 1000 މީހުން ވަނީ ހައްޖުގެ މަތިވެރި އަޅުކަމަށް ގޮސްފައެވެ. ހުރިހާ ހައްޖުވެރިންވެސް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.
ދިވެހި ހައްޖުވެރިން މިފަހަރު މައްކާއަށް ގޮސްފައިވަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފައެވެ. މި ހިދުމަތް ދިވެހިންނަށް ފަހިވެފައި ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ އިރުޝާދުގެ ދަށުންނެވެ.
މީގެއިތުރުންވެސް ދިވެހި ހައްޖުވެރިންނަށް ވަނީ ގިނަ ލުއިފަސޭހަތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން ދިވެހިން ހައްޖަށްގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް ހިލޭ ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ހައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ކަމަށާއި، ވެކްސިންވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެގޮތް ފަހިކޮށް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ހައްޖާޖީންގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ފުރިހަމަކޮށް ދިނުމަށް ކަމުގައި ވިދާޅުވެފައެވެ.