ޓޯކޮށް ގިނަ ދުވަސްވެފައިހުރި ގިނަ އަދަދެއްގެ އުޅަނދު ފުލުހުން ނައްތާލައިފިއެވެ.
ފުލުހުން ބުނީ، ޓޯ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި 568 އުޅަނދު ގަވާއިދުގައިވާ ގޮތުގެ މަތިން މިދިޔަ ބުރާސްފަތި ދުވަހު ނައްތާލާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދެވެ.
މާލެ ސަރަަހައްދުގެ މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ނަގައި ނައްތާލުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފެށީ ފެބްރުއަރީ މަހުއެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި ނުދުއްވާ އެތައް ދުވަހެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމުގެ ބޭނުމަކީ ނުދުއްވާ ގިނަ ދުވަސްވެފައި ހުންނަ އުޅަނދުތަކުން މަގުތައް ތޮއްޖެހުން ކުޑަކުރުމާއި ތޮއްޖެހުމާ ގުޅިގެން ހިނގާ އެކްސިޑެންޓްތައް މަދުކުރުން ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނެއެވެ.
މީގެ ކުރިން ފުލުހުންނާއި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންވެސް ވަނީ ހުޅުމާލޭ މަގުތަކުގައި ހުރި ބާ އުޅަނދުތައް ނަގާފައެވެ.