ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ ސަރަހައްދުން ކަރަންޓު ކެޑުމާއި ގުޅިގެން ފެރީ އަދި ބަސް ހިދުމަތަށް ޓިކެޓު ނެގުމަށް ބުރޫއަރާފައި ވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
މާލެ އާއި ހުޅުމާލެ އިން ކަރަންޓް ކެނޑިފައިވަނީ މިއަދު މެންދުރު 12:30 ހާއިރުގައެވެ. މާލެ އިން ކަރަންޓު ކެނޑުމާއި ގުޅިގެން ގިނަ ހިދުމަތްތަކަށް ބުރޫ އަރާފައިވާއިރު އެމްޓިސީސީން ބުނީ ފެރީ އަދި ބަސް ޓިކެޓު ނެގުމުގައި ދަތިތަކެއް ހުރިނަމަވެސް ހިދުމަތް މެދު ނުކެޑި ކުރިއަށް ދާނެކަމަށެވެ. އަދި ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެހެން ދެން ބަހުގައި ހިލޭ ދަތުރުކުރެވޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މާލެ އާއި ހުޅުމާލެ އިން ކަރަންޓް ކެނޑެން ދިމާވި މައްސަލަ ހައްލުކުރަމުން އަންނައިރު ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ ކަރަންޓް ދީފައެވެ. އެހެންނަމަވެސް އާންމު ހާލަތަށް ރުޖޫއަވެ ކަރަންޓު ހިދުމަތް ދެވޭނެ ގަޑިއެއް ސްޓެލްކޯ އިން ހާމަކޮށްފައެއް ނުވެއެވެ.
މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑުމާއި ގުޅިގެން އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް ރައީސް އަންގަވާފައިވާއިރު ސްޓެލްކޯއިން ބުނީ މިއީ ޓޯޓަލް ބްލެކްއައުޓްއަކަށްވާތީ، ގުރިޑު އަލުން އެނަޖައިޒްކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޗެކަޕްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.