ނޮވެމްބަރު މަސް ނިމުމުގެ ކުރިން ހުޅުމާލެ ހޮސްޕިޓަލަށް 24 އެނދު އިތުރު ކުރެވިގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑުގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ އަންނަ އަހަރު މުޅި ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި، އެކަމަށް ގިނަ ގުނަ މަސަައްކަތްތަކެއް ކުރެވެމުން ދާ ކަމަށެވެ.

މި ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ހުޅުމާލޭގައި މި ވަގުތު ހުރީ ބޭނުންވާ ވަރަށް ވުރެ ކުޑަ ހޮސްޕިޓަލެއް ކަމަށާއި، ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ގިނަ ކަންކަން ފަށާފައިވާ ކަމަށެވެ. އެގޮތުން އަންނަ ޖުލައި މަސް ނިމެންވާއިރަށް ޑައިލިސިސް ހިދުމަތް ވެސް ފުޅާކުރުމުގެ އިތުރުން ނޮވެމްބަރު މަހުގެ ތެރޭގައި ހޮސްޕިޓަލަށް 24 އެނދު އިތުރު ކުރެވިގެންދާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ހަފްލާގައިވެސް ރައީސް ވަނީ ސިއްހީ ދާއިރާގެ ކުރިއެރުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެންމެ ހައިރާންވެވަޑައިގަންނަވާ ކަމަކީ ދިވެހި ނަރުހުން ލިބުމުގައި ހުރި ދަތިތަތައް ކަމަށް ފާހަގަކުރައްވާ ރައީސް ވަނީ މި ދާއިރާއަށް ނުކުތުމަށްވެސް އިލްތިމާސްކުރައްވާފައެވެ.

ރައީސް ވިދާޅުވީ ވަރުގަދަ، އިތުބާރުހުރި، ޕްރައިމަރީ، ޕްރިވެންޓިވް އަދި ކިއުރެޓިވް ހެލްތްކެއާއަށް އަދުގެ ސަރުކާރުން ވުނަކުރަމުން ދަނީ ކޮންމެ މީހަކަށްވެސް ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެ މީހަކަށް ބޭނުންވާ ފަރުވާ ލިބޭނެ ގޮތް ކަށަވަރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. އަދި މި ކަމުގައި ގޮންޖެހުންތައް ގިނަވި ނަމަވެސް އަބަދުވެސް އިސްކުރައްވާނީ ރައްޔިތުން ކަމުގައި ރައީސް ވިދާޅުވިއެވެ.