ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "މީޑިއާ ފެންޑާ" ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

"މީޑިއާ ފެންޑާ" އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަދެނުކުމެވާ ދެކުނު ފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ދިވެހިރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.

މީޑިއާ ފެންޑާގެ މައިގަނޑު މަގުސަދަކީ، ދައުލަތުގެ އަދި ސަރުކާރުގެ އެންމެ އިސް އޮފީސް ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ހަބަރާއި މައުލޫމާތު ރަސްމީ ގަޑީގައި މީޑިއާއިން ހޯދުން ފަސޭހަކޮށްދިނުމެވެ.

މީޑިއާ ފެންޑާ ބަލަހައްޓާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި ރައީސް އޮފީހުން ކަމަށްވާއިރު މީޑިއާ ފެންޑާގެ ސަލާމަތީ ކަންކަމާއި، އިދާރީ ކަންކަން ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ކަންކަން ބެލެހެއްޓުމުގެ ނިޒާމު ކަނޑައަޅައިފައިވާ އުސޫލުންނެވެ. ސަރުކާރުގެ ރަސްމީ މަސައްކަތު ކޮންމެ ދުވަހަކު މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެއެވެ. ނަމަވެސް، ރަސްމީ މަސައްކަތު ދުވަހަކަށް ނުވިނަމަވެސް، މީޑިއާ ފެންޑާ ބޭނުންކުރާ ނޫސްވެރީން ބޭނުންވާ ހާލަތްތަކުގައި، 24 ގަޑިއިރުވެސް މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީޑިއާ ފެންޑާ ބޭނުންކުރެވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ނެރޭ ނޫސް މަޖައްލާތަކާއި، ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި، ވަސީލަތްތަކުގެ ދަފުތަރުގެ ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަހައްޓާ މީޑިއާ ދަފުތަރުގައި ރަޖިސްޓަރީވެގެން، ގަވާއިދުން ހިނގަމުން އަންނަ ރާއްޖޭގެ މީޑިއާތަކަށެވެ. އަދި އެ މީޑިއާތަކަށްވެސް މީޑިއާ ފެންޑާ ބޭނުން ކުރެވޭނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާއްސަ ހުއްދައެއްގެ ގޮތުގައި ދޭ ފާހަކާ އެކުގައެވެ.

މިއީ ގްރީން ޒޯނުގެ ސަރަހައްދުގައި ހުންނަ ޖާގައަކަށް ވާތީ، ގްރީން ޒޯން ބެލެހެއްޓުމުގައި ސަލާމަތީ ބާރުތަކުން އެ ވަގުތަކު ކަނޑައަޅާ ހުރިހާ އުސޫލެއް މީޑިއާ ފެންޑާއަށާއި އެސަރަހައްދަށް ވެސް ހިނގާނެ ކަމަށް ވެއެވެ.

ސަރުކާރުން ދަނީ މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދިނުން ފަހިކޮށްދެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މީޑިއާތައް ބާރުވެރިކުރުމަށާއި، ނޫސްވެރިންނަށް ތަމްރީނުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.