ޝަރީއަތް ނިމެންދެން ވާނުވާ ބަންދުގައި ތިބި މީހުންނަށް ލުއިދޭން އިއްޔެ ފަށައި، އިއްޔެގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ދެ މީހެއްގެ ފައިގައި ޓެގު އަޅުވައި ބަންދުން ދޫކޮށްލާފައިވާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.
ޝަރީއަތް ނިމެންދެން ވާނުވާ ބަންދުގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ކަންބޮޑުވުމަށް ހައްލު ހޯދުމުގެ ގޮތުން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ލުއިދޭން ނިންމިކަން ރޭ ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މިއަދު ނެރުނު ބަޔާނެއްގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، މި ނިޒާމުގެ ދަށުން ބަންދަށް ލުއިދެވޭނެ މީހުން ކަނޑައަޅަނީ ކުށްތަކުގެ ތުހުމަތުވާ މީހުންގެ ތެރެއިން ބަންދުގައި ތިބި މީހުން މޮނިޓާކުރެވޭ ގޮތަށް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުން ތައްޔާރުކުރާ އެސެސްމެންޓަށް ރިއާޔަތްކޮށް ކަމަށާއި، އެސެސްމެންޓުތައް ލިބެމުންދާ ވަރަކުން ބަންދަށް ލުއިދިނުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.
އެގޮތުން އިއްޔެގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ދެ މީހެއްގެ ބަންދަށް މޮނިޓަރިން ނިޒާމުގެ ދަށުން ލުއިދީ، އިތުރު ފަސް މީހެއްގެ ބަންދަށް ލުއިދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ކޯޓުތަކުގައި ކުރިއަށް ދާނެ ކަމުގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުންޏެވެ.
މި ނިޒާމުގެ ދަށުން ލުއި ދެވޭނީ ޓެގު އެޅުވުމުން، އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް އެކަނި ކަމަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި މަރާއި ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއިދިނުމަށް ހަމަޖެހިފައި ނުވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ މި މަސައްކަތުގެ ސަބަބުން ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.