މި އަހަރުގެ ހައްޖުގެ އަޅުކަމަށް ހައްޖުވެރިން ފުރަން ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓްގެ ޓްރެފިކް ބާރުބޮޑުވާނެތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނީ، ހައްޖުވެރިން ފުރަން ޖެހިފައި ހަތަރު ދުވަހު އެއާޕޯޓްގެ ޓްރެފިކް ބާރުބޮޑުވާނެތީ އޮމާންކަމާ އެކު ޓްރެފިކް ފްލޯ ކުރިއަށް ގެންދިޔުމަށް އެ ދުވަސްތަކުގައި އިތުރު ފުލުހުން އެއާޕޯޓްގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.

އެއާޕޯޓުން ފުރާ އެހެން މީހުންނަށް ވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން އެ ދުވަސްތަކުގައި ފުރާ މީހުން ވެސް ދުރާލައި އެއާޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމްތައް ނިންމުމަށް ފުލުހުން ބުނެއެވެ. އަދި ހައްޖުވެރިންނާ އެކު އެއާޕޯޓަށް ދާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ވެސް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ ގޮވާލާފައެވެ.

މި އަހަރަކީ މޯލްޑިވިއަންގެ ފްލައިޓުގައި ދިވެހި ހައްޖާޖީން ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދަތުރުކުރާ ފުރަތަމަ ފަހަރެވެ. ހަތަރު ފުލައިޓް ދަތުރުކުރަން ހަމަޖެހިފައިވާ އިރު، ގާތްގަނޑަކަށް 1000 ހައްޖާޖީން މި އަހަރު ހައްޖަށް ދެއެވެ. ހައްޖަށް ދިއުމަށް ރާއްޖެއިން ދަތުރު ކުރާ ހަތަރު ފްލައިޓުގެ ތެރޭގައި 2 ދަތުރަކީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުގައި ކުރާ ދަތުރުތަކެވެ. ދެން ދަތުރުކުރާ ދެ ފްލައިޓަކީ ސައުދީ އަރަބިޔާގެ ދެ ފްލައިޓެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފުލައިޓުގައި 235 ހައްޖުވެރިން ފުރާއިރު މި ފްލައިޓް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ހައްޖުވެރިންގެ ދެވަނަ ފުލައިޓު މި މަހުގެ 27 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ އިރު 2 ވަނަ ފުލައިޓުގައި 257 ހައްޖުވެރިން ދަތުރު ކުރާނެއެވެ. އަދި ތިން ވަނަ ފުލައިޓު މި މަހުގެ 29 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު އެ ފުލައިޓުގައި 250 ހައްޖުވެރިން ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ހައްޖުވެރިންގެ ފަހު ފުލައިޓު ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އެ ފުލައިޓުގައި 250 ހައްޖުވެރިން ފުރާނެއެވެ.

ރާއްޖެއިން މިއަހަރު 992 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ދަތުރު ކުރާއިރު، ހައްޖުވެރިން އެއާޕޯޓަށް ދިއުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި ވެސް ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލޭގައި 3 ރޫޓެއް އަދި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ވެސް ބަސްރޫޓް ހަމަޖައްސާފައި ވެއެވެ. މާލޭގެ މަޖީދީމަގާއި، އޯކިޑް މަގާއި އަމީނީމަގުގެ ބަސްރޫޓުން ވެސް ހައްޖާޖީންނަށް އެއާޕޯޓަށް ދަތުރު ކުރެވޭނެއެވެ.