ނ.އަތޮޅުގައި ހިންގާ ރިސޯޓެއްގެ ނެރު ކައިރީ ފީނަން އުޅުނު ބިދޭސީއެއްގެ ގައިގައި ލޯންޗަކުން ޖެހުނު މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ނ.އަތޮޅުގައި ހިންގާ ރިސޯޓެއްގެ ނެރު ކައިރީ ފީނަން އުޅުނު ބައެއްގެ ތެރެއިން ބަންގަލަދޭޝް މީހެއްގެ ގައިގައި ލޯންޗަކުން ޖެހި ބޮޑެތި އަނިޔާވެފައިވާ މައްސަލައިގައި ލޯންޗުގެ ކެޕްޓަން ހިމެނޭހެން ގިނަ އަދަދެއްގެ މީހުންނާއި ސުވާލު ކުރެވި ބަޔާން ނެގިފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހާދިސާ ހިނގި ސަރަހައްދުގައި ދެ ފަހަރެއްގެ މަތިން ބަލާ ފާސްކޮށްފައިވީ ނަމަވެސް އަނިޔާވި މީހާގެ ބުރިވި އަތް ފެނިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށާއި ހެއްކަށް ބަލައި މިހާތަނަށް އަދި ފިޔަވަޅެއް އަޅާފައި ނުވި ނަމަވެސް، ތަހުގީގުގެ ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ.

މި ހާދިސާގައ އަނިޔާވި ބިދޭސީ މީހާގެ އެއް އަތް އެއްކޮށް ބުރިވެ އަދި ދެފައި ބިދި އަދި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ލޯންޗުގެ ބުރަފަތިން ޖެހި ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު އޭނާއަށް ފަރުވާ ދެމުން ދަނީ އޭޑީކޭގެ އައިސީޔޫގައެވެ.