މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފިއެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

ރައުދުގެ ބަންދަށް ފުރަތަމަ ޖަހާފައި ވަނީ 5 ދުވަހެވެ. އަދި ރައުދުގެ ބަންދަށް ފުރަތަމަ ޖެހި 5 ދުވަހުގެ މުއްދަތު ހަމަވުމާއެކު އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 10 ދުވަހަށް ބަންދު ކުރުމަށްފަހު އެ މުއްދަތު ހަމަވުމުން ކޯޓުން ވަނީ އިތުރު 5 ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ދަ ޕްރެސްއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މުއްދަތު ވެސް ހަމަވުމާއެކު ރަައުދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އިތުރު 20 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ޔުމްނު ވެއްޓުނު ރޭ އޭނާއާއެކު ހ. ފެންޓަނޯއީގޭގައި އުޅުނު ރައުދުއާ އެ މައްސަލަ ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން ވެސް ވަނީ ސުވާލުކޮށްފައެވެ. މީގެއިތުރުން ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމުގެ ގޮތުން ކަމާ ގުޅުންހުރި ތަންތަނަށް ގޮސް ގުޅުންހުރި މީހުންގެ ބަޔާން ނަގަމުންދާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތަ ބުނެފައި ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި، އެ ރޭ ރައުދު ހިމެނޭހެން ހަތަރު މީހަކު ފެންޓެނޯއީގޭގައި ތިބި ކަމަށެވެ. ޔުމްނު އާ ހަވާލާދީ އޭނާގެ ދައްތަ އިތުރަށް ބުނީ، އެ ގެއަށް ދާން ޔުމްނަށް ދައުވަތު ދިނީ ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު ކަމަށެވެ.