ދަންވަރު ކޮމިޓީ ބައްދަލުވުން ބާއްވައި، މި އަހަރުގެ މި ހިނގާ ދައުރުގެ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ މެންދުރުފަހު 1:30 އަށް ބަދަލުކޮށްފިއެވެ.

ރޭ ލާމަރުކަޒީ ކޮމިޓީން ވަނީ، ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ ދައުރު ހަމަވާން ދޮޅު އަހަރަށް ވުމުން ނުވަތަ އެ މުއްދަތަށް ވުރެ ކުރު މުއްދަތެއްގައި ގޮނޑި ހުސްވެއްޖެ ނަމަ ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް، ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު އޮތްގޮތަށް ފާސްކުރަން ފެންނަ ކަމަށް ނިންމައިފައެވެ.

12:30 އަށް ތާވަލުކުރި ބައްދަލުވުން މެންދަމު 1:05 ގައި ފަށައި، 11 މިނެޓު ތެރޭ ވަނީ ނިންމާލައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރޭ ޖުޑީޝަރީ ކޮމިޓީން ވަނީ 10:30 ގެ ފަހުން ކޮމިޓީ ބައްދަލުވުން ބާއްވައި، ބަންޑާރަނައިބު އޮފީހުގެ ބިލު އިސްލާހުކުރުމަށް ފަހު އަލުން ތަޅުމަށް ފޮނުވަން ނިންމައިފައެވެ. ވަކި އިދާރާއެއްގެ ގޮތުގައި ބަންޑާރަނައިބުގެ އޮފީސް ހިންގަން ހުށަހެޅި ބިލު ފާސްނުކޮށް އިއްޔެގެ ޖަލްސާގައި ވަނީ ބިލު އިސްލާހުކުރުމަށް ކޮމިޓީއަށް ފޮނުވާލައިފައެވެ.

ކޮމިޓީން ނިންމީ ޑެޕިއުޓީ ބަންޑާރަނައިބު އައްޔަންކޮށް ވަކިކުރުމުގެ ބާރު ރައީސަށް ލިބޭ ގޮތަށާއި، ބަންޑާރަނައިބުގެ އޮފީހުގެ އޮނިގަނޑު ކަނޑައަޅާނީ ބަންޑާރަނައިބު ކަން ހިމަނައި ބިލު އިސްލާހުކޮށް އަލުން ތަޅުމަށް ފޮނުވުމަށެވެ. މި ބައްދަލުވުން ވެސް 10 މިނެޓު ތެރޭ ވަނީ ނިންމާލައިފައެވެ.

އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިގޮތުގައި މިއަދުގެ ޖަލްސާ ހެނދުނު 9 ޖަހާއިރު އޮންނާނެއެވެ. ނަމަވެސް މަޖިލީހުން ވަނީ ކޮމިޓީތަކުގެ މަސައްކަތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ޖަލްސާ މެންދުރުފަހު 1:30 އަށް ފަސްކޮށް މެންދަމު 3 ޖަހާކަން ހާއިރު އެޖެންޑާ އާންމުކޮށްފައެވެ.

މިއަދުގެ ޖަލްސާގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ހުށަހެޅުމަށް ތާވަލުކޮށްފައިވެއެވެ.

މިއަދުގެ ޖަލްސާއަށް ފަހު މެންބަރުން ޗުއްޓީ އަށް ދާނެއެވެ. ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށޭނީ އަންނަ ޖޫން މަހުގައެވެ.