ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރި މީހަކު 2،000 ރުފިޔާއިން ޖޫރިމަނާކޮށް، އޭނާގެ ސައިކަލު ޓޯކޮށްފިއެވެ.

ފޯނު ބޭނުން ކުރަމުން ސައިކަލު ދުއްވި މީހެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މި ވީޑިއޯއާ ގުޅިގެން ފުލުހުން ބުނީ ސައިކަލު ދުއްވަމުން ފޯން ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯ އާ ގުޅިގެން އެ މައްސަލަ ބަލާފައިވާ ކަމަށެވެ.

މައްސަލަ ބެލުމަށްފަހު ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ސައިކަލު ދުއްވި މީހާ 2،000 ރުފިޔާއިން ޖޫރިމަނާކޮށް، އޭނާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ތިމާ އާއި މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަން ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.