މިއީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި މަހާޒާއި ހުދު އޭނާ އަށް އަމާޒުވި ހަމަލާއެއް ނޫން ކަމަށާއި، މިއީ ޖުޑީޝަރީ އަށް އައި ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައި، ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ އުދާސްތައް ބަންޑުންކޮށްލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހާޒާއި އަޒްމިރާލްދާ ވަކިކުރަން ވަނީ ފާސްކޮށްފައެވެ. ދެ ފަނޑިޔާރުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތަކަށް އެދިވަޑައިގެންނެވި ނަމަވެސް، ޖޭއެސްސީން ދެ ފަނޑިޔާރުންގެ މައްސަލަ ބަލައި ތައްޔާރުކުރި ރިޕޯޓުގެ މަސައްކަތް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައި ތަޅުމަށް ފޮނުވީ މަހާޒާއި އަޒްމިރާލްދާ އަށް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ނުދީއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅިގެން ނެރުއްވި ހަ ސަފްހާގެ ބަޔާނުގައި އަޒްމިރާލްދާ ވިދާޅުވީ، އޭނާ ވަކިކުރީ ދޮގު ތުހުމަތުތަކެއްގައި ގާނޫނާ ހިލާފަށް އޭނާގެ ހައްގުތައް ނިގުޅައިގަތުމަށް ފަހު ކަމަށެވެ. މަގާމުން ވަކިކުރުމާ ހަމައަށް ސަސްޕެންޑްކުރި މައްސަލައިގެ ލިޔެކިއުންތައް ލިބިވަޑައިނުގަންނަވާ ކަމަށާއި، އޭސީސީން ޖިނާއީ ތަހްގީގެއް ކުރާ ކަމަށް އެންގި ނަމަވެސް ސުވާލުކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.
އަޒްމިރާލްދާ ވިދާޅުވިގޮތުގައި ޖޭއެސްސީން ވަނީ:
- ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ހަނިކޮށްފަ
- ތުހުމަތުން ދިފާއުވުމަށް ބޭނުންވާ ލިޔެކިއުންތައް ހިއްސާނުކޮށް ދިފާއުވުމުގެ ހައްގު ނިގުޅައިގެންފަ
- ދިފާއީ ހެކި ބަލައިނުގަތުމަށް ނިންމައި އަޑުއެހުންތައް ސިއްރުކޮށްފަ
"އަޅުގަނޑަށް ބަސް ބުނުމުގެ ފުރުސަތު ނުދެއްވައި، ޖުޑީޝަރީ ކޮމިޓީގެ މުގައްރިރަށް ވެސް އަޅުގަނޑުގެ ހައްގުތަކުން މަހްރޫމްކުރުމަށް ދެއްކެވުނު އެންމެ ބޮޑު ހުއްޖަތަކީ 19 ވަނަ ރައްޔިތުންގެ މަޖިލިހުން އަމަލުކޮށްފައިވާ ކަމަށް ބުނާ ގޮތެވެ،" ޖުޑީޝަރީ ކޮމިޓީން ވެސް ޖަވާބުދާރީވެވަޑައިގަތުމަށް ފުރުސަތު ނުދެއްވިކަން ފާހަގަކުރައްވައި ވިދާޅުވިއެވެ.
އެކަމަކު އަޑުއެހުންތައް ހުޅުވާލައިގެން ގެންދިޔަނަމަ، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ހިޔާލީ މައްސަލައެއް ކަމަށް ހާމަވާނެ ކަމުގައި ވެސް އަޒްމިރާލްދާ ވިދާޅުވިއެވެ.
"އަޑުއެހުންތައް ހުޅުވާނުލީ އަޅުގަނޑުގެ ސުލޫކާ މެދު އެއްވެސް ތުހުމަތެއް ނެތީމައެވެ، އަޅުގަނޑުގެ މައްޗަށް ހަގީގަތުގައިވެސް ސުލޫކީ މައްސަލައެއް އޮތްނަމަ، އަޑުއެހުން ހުޅުވާލައި ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑު ފަޟީހަތްކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތު އެ ބޭފުޅުން ދޫކޮށްނުލައްވާނެކަން ކަށަވަރެވެ،"
އަޒްމިރާލްދާ ވިދާޅުވިގޮތުގައި، އޭނާ ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ހަމަ އެކަނި ގުޅުއްވީ މީގެ ދެ އަހަރުކުރިން ޖުޑީޝަލް ސިމްޕޯސިއަމަކަށް ތައްޔާރުވާން އެ ކޯޓުގެ އޮންލައިން އަޑުއެހުންތަކާ ގުޅޭ މައުލޫމާތު ހޯދުމަށް ކޯޓުގެ އިސް ގާޒީއަށެވެ.
"ކަންމިހެން ހުރިއިރު އަޅުގަނޑަށް އަޅުގަނޑުގެ ފިރިމީހާ ބަންދުން ދޫކޮށްލިކަން އެ ވަގުތު އަޅުގަނޑަށް އެނގުނު ގޮތުގެ ހެއްކާއި، ދޫކޮށްލި ވަގުތު އެނގޭނެހެން އޮތް ބަންދުން ދޫކޮށްލި އަމުރުގެ ކޮޕީއާއި އަޅުގަނޑުގެ ފޯން ކޯލް ލޮގްތަކާއި އަދި ވަޓްސްއެޕް މެސެޖްތަކަށް ދާންދެން ހެކީގެ ގޮތުގައި ޖޭއެސްސީއަށް ހުށަހެޅީމެވެ، އެ ދުވަހު އަޅުގަނޑު އުޅުނު ގޮތް އެނގޭނެ އަދި ވާހަކަދެއްކި މީހުން ހެކިވެރިންގެ ގޮތުގައި ހުށަހެޅީމެވެ،" އަޒްމިރާލްދާ ވިދާޅުވިއެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތު ހަބީބު އެ ކޯޓުގެ ގާޒީ އިބްރާހީމް ޒިހުނީއަށް ގުޅުއްވީ އަޒްމިރާލްދާ އެދިވަޑައިގެން ކަމަށް އޮތް ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ގާޒީ ޒިހުނީގެ ބަޔާނުގައި އެ ވާހަކަ ނުވެސް ނެތް ކަމަށް އަޒްމިރާލްދާ ވިދާޅުވިއެވެ. އެހެންކަމުން ޖޭއެސްސީން ރިޕޯޓު ތައްޔާރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީން ޖޭއެސްސީއަށް ހާޒިރުކޮށް ބަޔާން ނެގުމުގެ ކުރިން ކަމަށް ވިދާޅުވިއެވެ.
އަޒްމިރާލްދާ ވިދާޅުވިގޮތުގައި، ގާނޫނީ އަދި ޝަރުއީ ދާއިރާގައި ވޭތުވެދިޔަ 24 އަހަރު އޭނާ މަސައްކަތްކުރެއްވީ ނުފޫޒެއް ނެތިއެވެ.
އޭނާ ވިދާޅުވީ، މިއަދު އޭނާއަށް އިންސާފެއް ނުލިބޭ ކަމަށާއި، މިއީ މުޅި ޖުޑީޝަރީއަށް ރައްދުވި ހަމަލާއެއް ކަމަށެވެ.
"އަޅުގަނޑު އުންމީދުކުރަނީ މި ގައުމުގައި ގާނޫނުގެ ވެރިކަން ހިނގާ ދުވަހަކުން އަޅުގަނޑު ފޮނުވާފައި ހުރި ސިޓީތަކުގެ އަލީގައި ފިޔަވަޅު އެޅި މި ގައުމުގައި ސުޕްރީމް ކޯޓު ފުނޑާލުމުގައި ބައިވެރިވި އެކި ފަންތީގެ އެންމެހައި ވެރިންނާއި މުވައްޒަފުންގެ މައްސަލަތައް ބަލައި އިންސާފު ގާއިމްކުރެވޭނެ ކަމަށެވެ،" އަޒްމިރާލްދާ ވިދާޅުވިއެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ. ޖޭއެސްސީން ނިންމީ އެ ތުހުމަތުތައް ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށެވެ.