ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ހާޒިރުނުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަކިކުރަން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ.
ޖޭއެސްސީން ނިންމީ އެ ތުހުމަތުތައް ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށެވެ.
މި މައްސަލަ ދިރާސާކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ފުރަތަމަ ހުށަހެޅުއްވީ ފަނޑިޔާރު އަޒްމިރާލްދާ އާ ގުޅޭގޮތުން ފޮނުވާފައިވާ މައްސަލައިގައި އިޖުރާއީ ކަމެއް ފާހަގަނުކުރެވޭތީ މައްސަލަ ތަޅުމަށް ފޮނުވާށެވެ.
މައްސަލަ ބެލި ޖޭއެސްސީގެ ކޮމިޓީ މެންބަރުން ހާޒިރުކުރުމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ހުށަހެޅުއްވުން، ޕީއެންސީގެ މެޖޯރިޓީ އޮންނަ ކޮމިޓީން ވަނީ ބަލައިނުގަންނަން ނިންމައިފައެވެ.
ޝާހިދު ފަހުން ވަނީ ކޮމިޓީ ބައްދަލުވުން މިއަދަށް ނިންމާލުމަށް ހުށަހަޅުއްވައިފައެވެ. އެހެންވެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ކޮމިޓީގެ ބައްދަލުވުން ވަނީ ދޮޅު ގަޑިއިރު ފަހުން ކުރުކޮށްލައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި މި މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވުމަށް އެދި ދެ ފަނޑިޔާރުން ވެސް އެދިވަޑައިގެންފައިވެއެވެ. އަދި ބާ ކައުންސިލުން ވެސް ޖޭއެސްސީގެ ނިންމުން ރަނގަޅުތޯ ބެލުމަށް އެދިފައިވާ ކަން ވެސް ފާހަގަކުރެވެއެވެ.