ބޭނުންވާ ވަގުތުތަކުގައި، އަދި މާލޭގެ އެއް ތަނުން އަނެއް ތަނަށް ޓެކްސީ ނުލިބޭ ކަމުގެ ޝަކުވާ އަދިވެސް ލިބެމުންދާ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަމީން ވަނީ، އެމްޓީސީސީން ފަށަން އުޅޭ ޓެކްސީ ހިދުމަތާ ގުޅޭ ބައެއް މައުލޫމާތު ހިއްސާކުރައްވައިފައެވެ. އެގޮތުން އެމްޓީސީސީގެ ޓެކްސީ ލައިން ފެށި ކަމުގައިވިޔަސް ޓެކްސީ ކުރާ ފަރާތްތަކަށް ހުރަހެއް ނޯންނާނެ ކަމަށާއި، ދާއިމީކޮށް އަދި ހުސްވަގުތުގައި ވެސް އެމްޓީސީސީ ލައިންގެ ތެރެއިން ޓެކްސީ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އަމީން ވިދާޅުވިގޮތުގައި މީގެ ކުރިން ވެސް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތްތައް މާލޭގައި ފަށާފައި ވަނީ އެއްވެސް ދިރާސާކުރުމެއް ނެތިއެވެ. އޭނާ ވިދާޅުވިގޮތުގައި މާލެއަށް ޓެކްސީގެ ހިދުމަތް ބޭނުންވެފައިވާ ވަރު ވޭތުވެދިޔަ ދުވަސްތަކުގައި ފާހަގަކުރެވިފައިވެއެވެ.
"އަދި އޭގެ އިތުރަށް އަޅުގަނޑުމެންގެ މިނިސްޓްރީއަށް ވަރަށް ގިނަ ޝަކުވާތައް ހުށަހެޅިގެން ދޭ ޓެކްސީ ބޭނުންވާ ގަޑިތަކުގަ ޓެކްސީ ނުލިބޭ މައްސަލަ، އަދި ހާއްސަ ގޮތެއްގަ، ހަމަ ހުރިހާ އިއްޒަތްތެރި މެންބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ، މާލޭގެ އެއް ތަނުން އަނެއް ތަނަށް ދާން ބޭނުންވާ ކަމަށްވާ ނަމަ، ޓެކްސީ ހޯދުމަކީ ވަރަށް ދަތި ކަމެއް،" އަމީން ވިދާޅުވިއެވެ.
"ހޯދަން ޖެހޭނީ ހުޅުމާލެއަށް ނޫނިއްޔާމު އެއާޕޯޓަށް ދިއުމުގެ އެދުމެއް އެދިގެން ޓެކްސީ ހޯދަން ޖެހޭނީ ބޮޑު އަގު ދީގެން،"
އަލަށް ފަށަން އުޅޭ ޓެކްސީ ލައިންގައި ދެ ތިން ހަތަރު ސައިޒްގެ ޓެކްސީ ހިމެނޭނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
އަމީން އިތުރަށް ވިދާޅުވީ، މެދު އިރުމައްޗާއި ވިލާތުގެ ގައުމުތަކުގައި ވެސް ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކްގެ ތެރޭ ޓެކްސީ ހިމަނާފައިވާ ކަމަށާއި، ކޮންޓްރޯލް ނިޒާމެއްގެ ދަށުން ޓެކްސީގެ ހިދުމަތް ދޭން ފެށުމުން ޓެކްސީ ނުލިބޭ މައްސަލަ ހައްލުވެފައިވާ ކަމަށެވެ.
އަދި ޓެކްސީ ލައިންގެ ހިދުމަތް ފެށުމުން، އާންމުކޮށް ޓެކްސީތަކުގައި ހުންނަން ޖެހޭ ކެމެރާ އާއި ޓެކްސީތަކުން ދޭން ޖެހޭ ވަކި ހިދުމަތްތައް ދިނުން ފަދަ ކަންކަން އަމިއްލަ ޓެކްސީތަކުން ކުރާނެ ކަމަށް ވިދާޅުވެ، ޓެކްސީގެ ހިދުމަތް ވަކި ފެންވަރަކަށް ފައްތަން ޖެހޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ތިން ފިޔަވައްސަކަށް ބަހާލައިގެން ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހިދުމަތް، މި އަހަރުގެ ތެރޭ މާލެއާއި ހުޅުމާލޭގެ އިތުރުން ވެލާނާ އެއާޕޯޓަށް ދޭން ފަށާނެއެވެ. ދެވަނަ ފިޔަވަހީގައި 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފްކުރަން ވަނީ ނިންމައިފައެވެ. ތިން ވަނަ ފިޔަވަހީގައި 2028 އާއި 2029 ގައި ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުއްޓަށް އެ ހިދުމަތް ތައާރަފް ކުރަން ވަނީ ރާވައިފައެވެ.