މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ވެގެންދާނީ، ކެރިގެން ނިންމާ ނިންމުންތަކާއި، ސާބިތު ބައިވެރިވުންތަކާއި، ގައުމީ މަގުސަދުގެ ތަރިކައަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެމްއައިއެފްސީ ގާއިމުކުރުމާ ގުޅޭގޮތުން ޖޮއިންޓް ވެންޗާ އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރޭގެ ރަސްމިއްޔާތުގައި، އެމްއައިއެފްސީ ގާއިމުކުރާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާ ދެމެދު ޖޮއިންޓް ވެންޗާ އެއްބަސްވުމާއި ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރީ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ. އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން، މަރްވާން އަލްހަޖޭރީ އެވެ. އަދި ރައީސް ވަނީ، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިއްޒަތްތެރިންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.
މަތީ ފަންތީގެ ބައިނަލްއަގްވާމީ ބޭފުޅުން ބައިވެރިވެވަޑައިގަތް މި ރަސްމިއްޔާތުން ރަމްޒުކޮށްދެނީ ހިންމަތާއި، އުފެއްދުންތެރިކަމާއި، ބަދަލުގެ ރޫހުން ތަފްސީލުކޮށްދޭ، އާ ބާބެއްގެ ފެށުމެވެ. އެމްއައިއެފްސީ ތަޢާރަފުކޮށްދެއްވަމުން ރައީސް އެ މަރުކަޒު ސިފަކުރައްވާފައިވަނީ، ފުރުސަތުތަކާއި، ވިލުންތެރިކަމާއި، ޝަރަފުވެރިކަމުން ދިވެހިން ބާރުވެރިކޮށްގެން ދިވެހި އިގްތިސާދު ސިންދަފާތުކުރުމަށް ކުރައްވާ މަސައްކަތައް ދެއްވާ އިތުބާރެއްގެ ގޮތުގައެވެ. އަދި މިއީ، މާލިއްޔަތާއި، ދެމެހެއްޓެނިވި އަދި ހަޟާރީ ދިރިއުޅުމެއްގެ މަތީ ބިނާކުރާ މުސްތަގުބަލަކަށް ދިވެހިން ތައްޔާރަށް ތިބިކަން ދުނިޔެއަށް އަންގައިދޭ ނިޝާނެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރައްވާފައިވެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެ މަރުކަޒަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ ދަތުރުގެ ފެށުން ކަމުގައެވެ. ދިވެހިން މި އާދަޔާ ހިލާފު ދަތުރު ފެއްޓީ، ސާފު އަމާޒެއް ހިފައި، ޔަގީންކަމާއެކު، އީޖާބީ ވިސްނުމެއްގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިރާއްޖެ އަކީ ހަމައެކަނި މަންޒިލެއް ނުވަތަ ކުޑަ ޖަޒީރާ ގައުމެއް ނޫންކަމަށާ، ދިވެހިރާއްޖެ އަކީ ހިންދު ކަނޑުގެ އިގްތިސާދީ އަދި ޑިޖިޓަލް ބަދަލުގެ ތެރޭގައި ހިމެނޭ "ސްމާޓް ޖަޒީރާ ގައުމެއް" ކަމަށް ރައީސް ވިދާޅުވިއެވެ.
މާޒީގެ މޮޑެލްތައް ނަކަލުކުރުމުގެ ބަދަލުގައި ރާއްޖެއިން ގެންގުޅޭނީ، ސަރަޙައްދީ އިންތައް ފަހަނައަޅައިދާފަދަ، ޑިޖިޓަލް ފަސްޓް އަދި ޝާމިލު މާލީ ވެއްޓެއްކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އެމްއައިއެފްސީ އިން އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ހޯދޭނޭކަމަށް ހިސާބުތަކުން ދައްކާ ހިނދު، އަދި އެއީ ގައުމީ އުފެއްދުންތެރިކަމުގައި މުހިންމު ހިއްސާއެއް އަދާކުރާނޭ މަޒުކަޒަކަށް ވެގެންދާނޭކަމަށް އަންދާޒާ ކުރެވިފައިވާހިނދު، ސިނާއީގޮތުން ހުރި ފުރުސަތުތަކަށް ހަލުވި ދުވެލީގައި ވާސިލުވުމަށް ވެވޭ އެހީއަކަށް މި މަޒުކަޒު ވެގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ހިއްސާކުރައްވާފައިވަނީ، އެމްއައިއެފްސީގެ އެހީގައި މުޖުތަމައަށް ދިރުންގެނުވައި، ދިވެހި އެތައް ޖީލުތަކަކަށް ފަހި ފުރުސަތުތައް އުފެދިގެންދާނޭކަމުގެ ތަސައްވުރެކެވެ.