ތަމްރީނު ހަދަމުން ދިޔަ ފުލުހެއްގެ ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ފަރުވާ ދެމުންދަނީ ދ. ވާނީގައި ތަމްރީނު ހަދަމުން ދިޔަ ރެކްރޫޓް ފުލުހަކަށް ކަމަށެވެ. އޭނާގެ ހާލު ދެރަވުމާއެކު ފުރަތަމަ ފަރުވާ ދީފައި ވަނީ ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައެވެ. ނަމަވެސް މިއަދު މެންދުރު އޭނާ ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.

ފުލުސް މީހާގެ ހާލު ވަރަށް ދެރަކަމަށް ބުނި ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލް އެ އިދާރާއިން ހާމަކޮށްފައި ނުވެއެވެ.

މީގެ ކުރިން ވެސް ފުލުހުންގެ ތަމްރީނު ހަދަމުންދިޔަ މީހުންނަށް އެކި އަނިޔާވެ ފަރުވާދީފައިވާއިރު ބައެއް މީހުން ވަނީ މަރުވެސް ވެފައެވެ. އެގޮތުން 2019 ވަނަ އަހަރުވެސް ދ. ވާނީގައި ޕޮލިސް ތަމްރީނު ހަދަމުން ދިޔަ މީހަކު ގެނބިގެން މަރުވެފައިވެއެވެ.