ޔުމްނު ރަޝީދުގެ މައްސަލަ ބަަލަން އުފެއްދި ކޮމިޝަންގެ މެންބަރުންނަށް 5000 އާއި 15000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، އެ ކޮމިޝަންގައި ތިއްބަވާ މެންބަރުންނަށް އެލަވަންސެއް ލިބޭ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ. ކޮމިޝަނުގެ މަސައްކަތަށް ބޭނުންވާ ކޮންމެ ކަމަކަށް ބަޖެޓު ހަމަޖައްސަވައި ދެއްވާނެ ކަމަށާއި ބޭރުގެ ތަޖުރިބާކާރުންގެ ލަފާ ބޭނުންވާ ނަމަ އެކަން ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ކޮމިޝަނުގައި ތިއްބެވި ޑޮކްޓަރާއި ސިއްހީ ދާއިރާގެ މުވައްޒަފަށް، މުސާރަ ހިނގާހެން ވަޒީފާއިން ވީއްލޭ ގޮތަށް އެލަވަންސް ހަމަޖައްސަވާނެ ކަމަށާއި ކޮންމެ ބޭފުޅަކަށް ވެސް 5000 ރުފިޔާގެ އެލަވަންސެއް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދެން ތިއްބެވި ތިން މެންބަރުންނަކީ އެއްވެސް އިތުރު ވަޒީފާއެއްގައި ނޫޅުއްވާ ތިން ބޭފުޅުން ކަމަށް ވަތީ އެއިން ކޮންމެ ބޭފުޅަކަށް 15،000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވހުަގެ ފަތިހުގެ ވަގުތެއްގައި ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަންގައި ޖުމްލަ ފަސް މެންބަރުން ތިއްބަވައެވެ.
'ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން'ގެ މެންބަރުން
- ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ (ކޮމިޝަންގެ ރައީސް)
- ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު، ވ. އަލްމާން
- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
- ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
- އާމިނަތު އީނާސް، ހ. ހަބަރުގެ
މި ކޮމިޝަން އުފެއްދި އިރު ކަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު ހަބީބު އައްޔަން ކޮށްފައި ވީ ނަމަވެސް ފަހުން އޭނާ ވަނީ މި ކޮމިޝަނުން ވަކިވެފައެވެ. މި ކޮމިޝަނުން ހަބީބް ވަކިވެވަޑައިގެންފައި ވަނީ ޔުމްނު ވެއްޓުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް އާއިލީ ގުޅުން އޮންނާތީ ކަމަށް މައުލޫމާތު ލިބެއެވެ.
ދާދި ފަހުން މި ކޮމިޝަނުން ވަނީ ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައެވެ. އެ ގޮތުން މިއީ އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް އޮތް ވަރަށް ހައްސާސް މައްސަލައެއް ކަމުން މި މައްސަލަ ވީ އެންމެ އަވަހަކަށް ބަލައި ލަފާ ދެއްވާނެ ކަމަށް އެކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ބަލައި ނިންމަން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް މުނައްވަރު ވިދާޅުވެފައިވީ ނަމަވެސް ސީދާ މި މައްސަލަ ބަލައި ނިންމަން ހޭދަ ވާނެ މުދަތެއް ހާމައެއް ނުކުރައްވައެވެ.