މިއަހަރު ތެރޭ ދައުލަތަށް އާމްދަނީގެ ގޮތުގައި 12.4 ބިލިއަން ރުފިޔާ ލިބުނު އިރު، ހަރަދުގެ ގޮތުގައި 10.5 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައިސް ވަނީ މާލީ ގޮތުން މިހާރު އޮތް ހާލަތު ހިއްސާ ކުރައްވާފައެވެ. ފިސްކަލް ހާލަތަށް ބާލާއިރު މިއަހަރު ޖެނުއަރީ 1 އިން އެޕްރީލް 24 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލަ އަކީ 12.4 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މުއްދަތުގައި ހަރަދަކީ 10.5 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު ދައުލަތުގެ އޯވަރޯލް ބަޖެޓް ސާޕްލަސް އަކީ 1.9 ބިލިއަން ރުފިޔާ އަދި ޕްރައިމަރީ ބެލެންސް ވެސް އޮތީ 3.5 ބިލިއަން ރުފިޔާ ސާޕްލަސް ގައި ކަމަށް ރައިސް ވިދާޅުވިއެވެ.

މިއަހަރު ތެރޭ ލޯނު އަނބުރާ ދެއްކުމަށް ޓަކައި 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ބޭރުގެ ފަރާތްތަކުން 2022 ވަނަ އަހަރު ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނު ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައި އިރު އިގްތިސޯދީ ގޮތުން އޮތް ހިސާބުން އަރައިގަތުމަށް ސަރުކާރުން ވަނީ އެތައް މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން ޑޮލަރު ލިބުމުގައި ހުރި ދަތިކަން ވެސް ހައްލު ކުރުމަށް ބޭރު ފައިސާ މާރުކުރުމުގެ ގަވައިދަށް ގެނައި އިސްލާހަކީ ފާހަގަ ކޮށްލެވޭ އިސްލާހެކެވެ.

މިއަހަރު ތެރޭ ރިސޯޓްތަކުން ބޭންކްތަކަށް ޑޮލަރު މާރުކުރަން ފަށާފައިވާ އިރު މިހާތަނަށް ބޭންކްތަކަށް ވަނީ 214 މިލިއަން ޑޮލަރު މާރުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. މި ގޮތަށް ރިސޯޓްތަކުން ގަވާއިދުން ޑޮލަރު މާރު ކުރަމުން އަންނަ ކަމުގައި ވާ ނަމަ މި ކަމުން ރައްޔިތުން ލިބޭ ފައިދާތައް ފެންނަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެސްއޯއީ ތަކުން ކަޅު ބާޒާރުން ޑޮލަރު ގަތުން ހުއްޓާ ލެވުމާއެކު ޑޮލަރުގެ އަގު ވެސް ދަށް ވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.