ކޮންމެ އަހަރަކު ވެސް ބާއްވާ 'މޭ ޑޭ' ގެ މި އަހަރުގެ ހިނގާލުމުގައި ވެސް މަސައްކަތްތެރިންގެ ހައްގުތަށް އަދާކޮށްދީ، އެކަށީގެންވާ އުޖޫރައެއް ދިނުމަށް ގޮވާލައިފިއެވެ.
މަސައްކަތްތެރިންގެ ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކުން މޭ ޑޭ ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ހިނގާލުން ކުރިޔަށް ގެންދިއުމަށް ފުލުހުން އެންމެ ފުރަތަމަ ހުއްދަދިނީ މަޖިދީމަގުން އާޓިފިޝަލް ބީޗުން ފަށައިގެން ގޮސް ރަސްފަންނާ ހަމައަށެވެ. އެކަމަކު ހިނގާލަން ފަށަން ކުޑަ އިރުކޮޅަކަށް ވީ ތަނާ ފުލުހުން ވަނީ ރަސްފަންނުން ފެށިގެން އަމީނީމަގުން ހިނގާލުން ކުރިޔަށް ގެންދިއުމަށް އަންގައި ސިޓީއެއް ފޮނުވައިފައެވެ.
އެހެންވެ، ފުލުހުންނާއި ހިނގާލުމުގެ ބައެއް ބައިވެރިންނާ ދެމެދު ބަހުގެ ހަމަލާ ބަދަލުކުރެވި، މައްސަލަ ހޫނުވެގެން ދިޔައެވެ. އެކަމަކު ވެސް ފުލުހުން ފަހުން އެންގި ގޮތަށް ހިނގާލުން ވަނީ ކުރިޔަށް ގެންގޮސްފައެވެ.
މި ހިނގާލުމުގައި ޓެކްސީ ޑްރައިވަރުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ޖަމިއްޔާ އާއި މަސްވެރިންގެ ޖަމިއްޔާ އާއި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިތުރުން ޓީޗަރުން ވެސް ބައިވެރިވެ، މަސައްކަތްތެރިންގެ ހައްގުތަކަށް ހުރަސްނޭޅުމަށް ވެސް ގޮވާލައި އަޑު އުފުލާފައިވެއެވެ.
ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައެވެ.