މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ 40,000 ރުފިޔާއަށްވުރެ ގިނަ ފައިސާއާއެކު ހުޅުމާލެއިން 2 މީހުން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައި ވަނީ އުމުރުން 48 އަހަރުގެ އަލީ އަބްދުﷲ (ހުޅުމާލެ ފްލެޓް ނަންބަރު 04-ޖީ-10) އަދި އުމުރުން 28 އަހަރުގެ އަމާނަތު ޖަލީލް (ދ. ކުޑަހުވަދޫ، އުނިމާގެ)އެވެ.

ފުލުހުން ބުނީ މި 2 މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ރޭ 6:52 ހާއިރު ހުޅުމާލޭގެ ހުވަނދުމާ ހިނގުމުން ސައިކަލެއްގައި ދަނިކޮށް ހުއްޓުވުމަށްފަހު ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، މި 2 މީހުންނާއި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ޕެކެޓާއި މަނާ ބޭސް ކަމަށް ޝައްކުކުރެވޭ 23 ގުޅަ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މީހުންގެ އަތުންނާއި އެޕާޓްމަންޓުން ޖުމްލަ 40,515 ދިވެހި ރުފިޔާ އާއި 136 އެމެރިކާ ޑޮލަރު ވަނީ ފެނިފައިވާ ކަމަށެވެ. އަދި އެ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.