ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަނީ ދަރިވަރުންގެ ސިޓީތަކާއި އީމެއިލްތަކަށް އެންމެ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް ކަމަށާއި، އަމާޒަކީ އެ މުއްދަތު ތިން ދުވަހަށް ކުރުކުރުން ކަމަށް، މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވަނީ، ދަރިވަރުންގެ ލޯނާއި ސްކޯލާޝިޕްގެ ދަށުން ކިޔަވަމުން ގެންދާ ބައެއް ދަރިވަރުން ޝަކުވާތައް ހިއްސާކޮށްފައިވާ ކަން 'އެކްސް' ގައި ފާހަގަކުރައްވައި ހައިދަރާ ސުވާލު ކުރެއްވުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު ހުށަހަޅުއްވާފައެވެ. އަޒާންގެ ސުވާލުތަކަށް ހައިދަރު ލިޔުމުން ޖަވާބު ދެއްވީ މިއަދެވެ.
އެގޮތުން ދަރިވަރުންގެ ލޯނަށް ފައިސާ ޖަމާކުރުމާއި ދަރިވަރުންގެ ފީތައް ދެއްކުން ލަސްވާ ސަބަބު ސާފުކުރުމަށް އަޒާން ކުރެއްވި ސުވާލަށް ޖަވާބުދެއްވައި ހައިދަރު ވިދާޅުވީ، މިނިސްޓްރީގެ ސްކޯލާޝިޕް ސެކްޝަނަށާއި ލޯނު ސެކްޝަނަށާއި ހިލޭ ޑިގްރީގެ މަސައްކަތްތައް ބަލަހައްޓަމުން ގެންދާ ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600 އެއްހާ އީމެއިލާއި ސިޓީ ލިބޭ ކަމަށާއި، ބައެއް ދުވަސް ދުވަހު އެއަށް ވުރެ ވެސް އިތުރުވާ ކަމަށެވެ.
ދަރިވަރުންގެ ލޯނާއި ސްކޯލާޝިޕާއި ހިލޭ ޑިގްރީ ސްކީމްގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރުވުމަކީ ވެސް އީމެއިލާއި ސިޓީ ގިނައިން ލިބޭ ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ޖަވާބުގައި އިތުރަށް ވިދާޅުވި ގޮތުގައި:
- ކުރިން ރޭވިފައިވާ ވަރަށް ވުރެ ގިނަ ދަރިވަރުންނަށް މިދިޔަ އަހަރާއި މި އަހަރު ލޯނުތައް ދޭން ހަމަޖެއްސުމުން، ދަރިވަރުންނާ ކުރަން ޖެހުނު މުއާމަލާތްތައް ވަރަށް ބޮޑުތަނުން އިތުރުވި
- އެހާ ގިނަ ދަރިވަރުންނަށް ސަރުކާރުން ފައިސާ ނުދެވޭނެ ކަމަށް ދެކެވެމުން ދިޔަ ވާހަކަތަކާ ގުޅިގެންނާއި، ފައިސާ ލިބުމުގެ ކަންކަކަމަށް ހޭދަވާނެ ވަގުތު އަންދާޒާކޮށް ދަރިވަރުންނަށް މައުލޫމާތުދީފައި އޮންނަ މުއްދަތަށް ވުރެ ކުރު މުއްދަތެއްގައި ފައިސާގެ ކަންކަން ހަމަޖެހިގެން ދިއުން އެދި އެކި ފަރާތްތައް މެދުވެރިކޮށް ތަކުރާރުކޮށް ސުވާލުކުރެވެމުން ދިއުމުން، ސެކްޝަންތަކުގެ މުވައްޒަފުންގެ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުވި
- އެހެންވެ އެ ސެކްޝަންތަކުން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކުރަމުން ދުވާލަކަށް ލިބެމުންދާ އީމެއިލްތަކަށް ޖަވާބު ނުދެވޭ
އެންމެ އިސްކަމެއް ދީގެން ކުރެވުނު މަސައްކަތަކީ ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކަމަށާއި، ނަތީޖާއެއްގެ ގޮތުން 1.2 މިލިއަނަށް ވުރެ ގިނަ ފައިސާ ދަރިވަރުންގެ ކޯސް ފީ އަށާއި ދިރިއުޅުމުގެ ހަރަދާއި އެހެނިހެން ކަންކަމަށް ދަރިވަރުންގެ ނަމުގައި ދޫކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަކު އެއީ ރުފިޔާއިން ކަން ނުވަތަ ޑޮލަރުންކަން މިނިސްޓަރުގެ ޖަވާބުގައި ބަޔާންކުރައްވާފައި ނެތެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިނިސްޓްރީއަށް ލިބޭ ސިޓީތަކަށާއި އީމެއިލްތަކަށް އެންމެ ގިނަވެގެން ހަތް ދުވަހުގެ ތެރޭ ޖަވާބުދިނުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، އެ މުއްދަތު ތިން ދުވަހަށް ކުރުކުރެވޭތޯ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މަސައްކަތްތައް އަވަސްކުރުމަށްޓަކައި ސަރުކާރުގެ އެހެނިހެން އިދާރާތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ގެންނަން ޖެހޭ ކަމުގައި ވެސް ވިދާޅުވިއެވެ.
ހަމަ އެއާއެކު ދަރިވަރުންނަށް ދޭ ހިދުމަތްތައް އަވަސްކުރުމަށްޓަކައި ޕޯޓަލަކާއި ކޯލް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.