ގދ. ގައްދޫން ފުރައިގެން މާލެ ދަތުރު ކުރަމުން ދިޔަ "ކަށި ވާލި" (ބްރިލިއަންޓް ކެރިއާ) ނަމަކަށް ކިޔާ މުދާ އުފުލާ ދޯނީގެ ހަބަރެއް ނުވެގެން، އެ ދޯނި ހޯދަން ކުރި މަސައްކަތުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަން އިން ހޯދައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް އެ ދޯނީގެ ހަބަރެއް ނުވެގެން ވެރިފަރާތުން ރިޕޯޓު ކުރުމުން، ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކޮށްގެން ކުރި ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ދޯނި ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން އެ ދޯނި ހޯދާފައި ވަނީ އެޕްރީލު މިއަދު ފަތިހު 04:00 ހާއިރު، ގއ. ވިލިގިނލީގެ އިރުއުތުރުން 48 މޭލު ބޭރުގައި އޮއްވައެވެ. އެ ދޯނި ފެނުނު އިރު ދޯނީގެ އިންޖީނު ވަނީ ހުއްޓިފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ދޯނީގެ ވެރިފަރާތާ ގުޅިގެން މިހާރު އެ ދޯނި، ކައިރި ރަށެއްގެ ބަނދަރަކަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މި ދޯނީގައި ދަތުރު ކުރަމުން ދިޔަ 3 ދިވެހިންނާއި، 2 ބިދޭސީންގެ ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.