މާލޭ ގެއަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނަށް އިތުރު 3 މެންބަރަކު އައްޔަން ކުރައްވައިފިއެވެ.

މި މައްސަލަ ބެލުމަށް ރައީސް އުފެއްދި ހާއްސަ ކޮމިޝަނަށް ފުރަތަމަ އައްޔަންކުރި 3 މެންބަރުންގެ ތެރޭގައި ހިމެނޭ ޑރ. މުހައްމަދު ހަބީބު އެ ކޮމިޝަނުން ވަކިވެވަޑައިގެންފައި ވަނީ ޔުމްނު ވެއްޓުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް އާއިލީ ގުޅުން އޮންނާތީ ކަމަށް މައުލޫމާތު ލިބެއެވެ.

ހާއްސަ ކޮމިޝަނަށް އަލަށް އައްޔަންކޮށްފައި ވަނީ:

  • ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
  • ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
  • އާމިނަތު އީނާސް، ހ. ހަބަރުގެ

މި މެންބަރުންގެ އިތުރުން ދެން ކޮމިޝަނުގައި ހިމެނެނީ ފުރަތަމަ ކޮމިޝަން އައްޔަންކުރެއްވި ޑރ. މުހައްމަދު މުނައްވަރު، (ގ. ހަސަންކާރިގެ) އަދި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު (ވ. އަލްމާން) އެވެ. މި ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވަނީ ޑރ. މުނައްވަރެވެ.

ރައީސް އުފެއްދެވި ހާއްސަ ކޮމިޝަނަކީ އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދާ އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކީ ތަހުގީކޮށް، ލަފާ ދިނުމަށް ޓަކައި އުފެއްދެވި ކޮމިޝަނެއްކަން ރައީސްގެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.