ދިރިއުޅުމަށް ދައުލަތުން ހިލޭ ބަންޑާރަ ގޯތި ދޫކުރުން ހައްލުކުރެވޭނީ ގާނޫނު ބަދަލުކޮށްގެން ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވަނީ، ދައުލަތުން ބަންޑާރަ ގޯތި ހިލޭ ދޫކުރުމުން ގެދޮރުވެރިކަމުގެ މައްސަލަ ދުވަހަކު ވެސް ހައްލުނުވާނެ ކަމަށް ވިދާޅުވެ، އެ ކަން ހައްލުކުރުމަށް މިނިސްޓަރު ގެންގުޅުއްވާ ސިޔާސަތާ މެދު ސުވާލު އުފައްދަވައިފައެވެ.
މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކަކީ ބަންޑާރަ ގޯތިތަކެއްކަން ފާހަގަކުރައްވައި މިިނިސްޓަރު ވިދާޅުވީ ބަންޑާރަ ގޯތި ދޫކުރުމަކީ އެހެން ގައުމުތަކާ ހިލާފަށް، ސަގާފީގޮތުން ބެލިކަމުގައި ވިޔަސް ރާއްޖެއަށް ހާއްސަ ސިފައެއް ކަމަށާއި، އެ ކަން ބަދަލުކުރުމުގެ ބާރު އޭނާ އަތުގައި އެކަނި ނޯންނަ ކަމަށެވެ.
"އެހެންވީމާ ބަންޑާރަގޯތި ތި ބޭފުޅުން ގާނޫނެއްގެ ތެރެއަށް ގެނެސްގެން މަޖިލީހުން އެޔަށް ހައްލެއް ހޯދައިދިނުމަކީ އަޅުގަނޑު އެދޭކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި ދާއިމީގޮތެއްގައި ބަންޑާރަ ގޯތި ދީގެން ކުރިޔަށް ދިއުން ދަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެހެންކަމުން މި ކަން ހައްލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އޭގެ ފަހުން 'އެކްސް'ގައި އޭނާ ވަނީ، ބަންޑާރަ ގޯތި ދޫކުރަން ހުއްޓުވައިދޭން ގާނޫނު ބަދަލުކުރުމަށް މަޖިލީހުގައި އެދިވަޑައިގެންފައި ނުވާނެ ކަމުގައި ލިޔުއްވައިފައެވެ.
"ކުރެވުނު ސުވާލަކާ ގުޅިގެން އަޅުގަނޑު ދެންނެވީ އެކަމަކީ ރާއްޖެއަށް ހާއްސަ ކަމެއް ކަމަށާއި ދާއިމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދަތިވެދާނެ ކަމެއްކަމަށެވެ. އަދި އެއީ މަޖިލިސް ތެރެއިން ހައްލެއް ހޯދަންޖެހޭ ފަދަ މައްސަލައެއްކަމަށެވެ،" އޭނާ ލިޔުއްވާފައިވެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ޖުމްލަ 9،031 ގޯތި ދޫކުރަން ކަނޑައަޅާފައިވާ ކަމަށް މަޖިލީހުގައި މިނިސްޓަރު މިއަދު ވިދާޅުވެފައިވެއެވެ. ހުޅުމާލެއިން ދޫކުރާ 1،407 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2،438 ގޯއްޗާއި ގިރާވަރު ފަޅުން ދޫކުރާ 5،187 ގޯއްޗެވެ. އޭގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިހާރު ވެސް 624 ފަރާތަކާ ގޯތި ހަވާލުކޮށްފައިވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.